އާޒިމާގެ ރައްދު ޖަމީލަށް: ޔާމީން މައުސޫމަވެފައި އަޅުގަނޑު މުޖުރިމަކަށްވަނީ ކިހިނެއް؟

އެމްއެމްޕީއާރްސީ މައްސަލާގައި ދައުވާކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ވަކާލާތުކުރައްވާއިރު، މަނީ ލޯންޑްރިންނަށް އެ މަނިކުފާނަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ މީހަކު މުޖުރިމަކަށްވަނީ ކިހިނެއްތޯ ވިދާޅުވެ، އެ މައްސަލާގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށް ކުރެވޭ ތުހުމަތުތަކަށް އޭނާ ރައްދުދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އާޒިމާ މިހެން ވިދާޅުވީ، އޭނާގެ މައްސަލަ އަނބުރާ ގެންދިޔައީ އާޒިމާއަކީ ރައީސް މުއިއްޒުގެ އާއިލީ ވަކީލު ކަމަށްވާތީ ކަމަށް ދޭހަވާ ގޮތަށް ޔާމީންގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަ އެވެ.
"އާޒިމާއަކީ މުއިއްޒުގެ އާއިލީ ވަކީލު. އެކި މީހުންނަށް އެކި ފައިދާ މުއިއްޒުގެ ފަރާތުން އެކި މަރުހަލާތަކުގައި ލިބެމުން ދިއުމަކީ މާ ބޮޑު ހުއްޖަތެއްބާ؟ ނުފޫޒު ނެތް ކަމަށް ސަލާމަތް ބުއްދީގެ ވެރިޔަކު ގަބޫލު ކުރާނީ ޝަރީއަތުން މައްސަލަ ނިންމަން ދޫކޮށްލި ނަމަ،" ޖަމީލުގެ ޕޯސްޓުގައިވެ އެވެ.
ޔާމީންގެ ސަރުކާރުގައި އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާޒިމާގެ މައްޗަށް ފެބްރުއަރީ 2019ގައި ދައުލަތުން ދެ ދައުވާއެއް ކުރި އެވެ. އެއީ:
ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ 
މަނީ ލޯންޑްރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާ
ޝަރީއަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ އެ މައްސަލައިގައި ހިމެނޭ އެ ދެ ދައުވާ ވެސް މިދިޔަ އަންގާރަ ދުވަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ބުނީ ކީކޭ؟ - ރައްދުގައި، ޖަމީލަށް އެޑްރެސްކޮށް އާޒިމާ އިއްޔެ ފޮނުއްވި 'ހުޅުވާލެވިފައިވާ ސިޓީއެއް'ގައި ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ޖަމީލު އެ ބޭފުޅެއްގެ ދިފާއުގައި ކޯޓުތަކުގައި އަދި އެހެނިހެން ތަންތަނުގައި މައުސޫމް ބޭފުޅެއް ކަމަށާއި މަނީ ލޯންޑްރިންގެ ކުށެއް ނުކުރައްވާ ބޭފުޅެއް ކަމުގައި ވަކާލާތުކުރައްވާ ކުރީގެ ރައީސް ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމުގައި ބުނެ ކަމަށެވެ.
"މަނިކުފާނު ރާއްޖޭގެ ހުރިހާ ކޯޓެއްގައި މައުސޫމް ކަމަށް ވަކާލާތުކުރައްވާ ބޭފުޅާ [ޔާމީން] މައުސޫމް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވާއިރު، އެ މަނިކުފާނުގެ އަތްޕުޅުގައި ހުރި، ދައުލަތުގެ ފައިސާ ކަމަށް ޝައްކުކުރެވޭ ފައިސާ ދައުލަތުގެ ހަވާލަށް ގެންދަން މަސައްކަތްކުރި މީހާއަކީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަތުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނީ މައްސަލަތަކުގައި ވެސް މަނިކުފާނުގެ ވިސްނުންފުޅު އެކި ދުވަހު އެކި ގޮތަށް ހުންނަކަން ފާޅުކަން ބޮޑު ގޮތެއްގައި ދަލާލާތު ކޮށްދޭ ކަމެކެވެ،" އާޒިމާ ވިދާޅުވި އެވެ. 
އާޒިމާ ވިދާޅުވި ގޮތުން، ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ޝައްކުކުރެވޭ ފައިސާއެއް ވަންކަމަށް ރިޕޯޓުކުރުމުން، ރައީސް އޮފީހުގެ އޭރުގެ މިނިސްޓާ ފޯ ލީގަލް އެފެއާޒްގެ ހައިސިއްޔަތުން، އެ ފައިސާ ދައުލަތާ ހަވާލުކުރެއްވުމަށް ހަމަ އެ ދުވަހު ޔާމީނަށް ލަފާދެއްވާފައިވާނެ އެވެ. އެ ލަފާދެއްވީ އޭނާއަކީ ވެރިންނަށް ވިޔަސް އެ ކަމެއްގައި އޮންނަ ގާނޫނީ ހަމައަކުން ގާނޫނީ ލަފާ ދޭ މީހަށްވާތީ ކަމަށާއި "ހުޝާމާދުކުރުމަކީ" އޭނާގެ ގައިގައި ﷲގެ ރަހުމަތުން ލައްވާފައިވާ ސިފައަކަށް ނުވާތީ ކަމަށެވެ. 
އާޒިމާ އިތުރަށް ވިދާޅުވީ:
ދައުލަތުން ދައުވާކޮށްފައިވާ އަމަލަކީ ދައުލަތުގެ ފައިސާ ކަމުގައި ޝައްކުކުރެވޭ ފައިސާއެއް، ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި އޭސީސީގެ ނަމުގައި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ލަފާދީފައިވުން 
ފައިސާގެ ދާއިރާގެ އަދި ގާނޫނީ ދާއިރާގެ އެއްވެސް މިންވަރެއްގެ އިލްމެއް ހުރި މީހަކަށް ނަމަ، އެސްކްރޯ އެކައުންޓަކީ ވަކި ޝަރުތުތަކެއްގެ މަތިން ފައިސާ ބަހައްޓާ އެކައުންޓެއްކަން އެނގޭނެ 
ފައިސާގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދައުލަތުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ގޮތެއް ނިމިގެން ނޫނީ ފައިސާ ދޫނުކުރެވޭނޭ ގޮތަށް ކަންކުރުމަށް އިތުރަށް ލަފާދީފައިވާނެ
މައްސަލަ ކޯޓަށް ހުށަހެޅިފައިވަނީ 17 ފެބްރުއަރީ 2019ގައި؛ ޖަމީލު ޖަސްޓިސް މިނިސްޓަރުކަނަް ކުރެެއްވި ދުވަސްވަރާ ހިލާފަށް، މިހާރު ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެން ނޫނީ މީހެއްގެ މައްޗަކަށް ޖިނާއީ ތުހުމަތެއް ނުކުރެވޭނެ އަދި ޖިނާއީ ދަވާއެއް ނުއުފުލޭނެ 
އެމްއެމްޕީއާރްސީގެ މައްސަލައިގެ އެންމެ ފައިސާފޮއްޗެއް ވިޔަސް އޭނާގެ އެކައުންޓަކަށް ވަދެފައެއް ނުވާނެ؛ ދައުލަތުގެ ބާރުގަދަ އެތައް މަގާމެއްގައި ހުންނެވިއިރު ވެސް ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް ނުވާނެ 
ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ދައުވާކުރާ މައިގަނޑު މީހާގެ މައްޗަށް ދައުވާ ސާބިތުނުވާ ނަމަ، އެހީތެރިވި ކަމަށް ބުނާ މީހާގެ މައްޗަށް ދައުވާއެއް ނުކުރެވޭ 
ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް އޭނާގެ މައްސަލަ އަނބުރާ ނުގެންގޮސް ދައުލަތުން މި މައްސަލަ ކޯޓުގައި މިދިޔަ ހަތަރު އަހަރު ބާއްވާފައި އޮތީ ގާނޫނީ ހަމައަކުން ނޫން 
ޒާތީ ހަސަދައިގައި ވިޔަސް، ރައީސް މުއިއްޒު ޝަރީއަތަށް ނުފޫޒު ނުފޯރުއްވާނަމޭ ވިދާޅުވާ ވިދާޅުވުމަށް ގޮންޖައްސަވަން ހެއްކާއި ގަރީނާއެއް ނެތި ބަސްވިދާޅުނުވުމަށް އިލްތިމާސްކުރެއްވި 
"ރައީސް މުއިއްޒުއާ އޮންނަ ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުން އެ މައްސަލަ ރައީސްގެ ބާރުވެރިކަމާ އެކު އަނބުރާ ގެންދެވީ ކަމަށް ތުހުމަތުކުރައްވައި ހަޑިހުތުރުބަހުން މުއާމަލާތުކުރެއްވިއިރު، އަޅުގަނޑު ރައީސްގެ އާއިލާގެ ވަކީލަށްވީ މިއަދަކު ނޫނެވެ. އަދި ވަކީލަކަށްވެގެން މިހާ ދުވަހު ވެސް އަދި ރައީސް ޑރ. މުއިއްޒުގެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމުގެ އިންތިހާބުގައި ވާދަކުރިއިރު ވެސް މައްސަލަ ކޯޓުގައި އޮތުމުން، މި މައްސަލައަށް އެ މަނިކުފާނު ބެހިވަޑައިގެންފައިނުވާކަން އެނގޭހާ ނުވޭތޯ އެވެ؟،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، އެ ދައުވާގެ ސަބަބުން އޭނާގެ އެތަކެއް ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި ޕީޖީން އާންމުކޮށް ހުޅުވާލި ފުރުސަތެއްގައި މައްސަލަ ރިވިޔުކުރުމަށް ހުށަހެޅުއްވީ އެހެން ދިވެހިންނެކޭ އެއްފަދައިން ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ. މި ފުރުސަތުގެ ތެރެއިން، ކުރީގައި ގޯސްކޮށް ކޮށްފައިވާ އެތަކެއް ދައުވާތަކެއް ވެސް ޕީޖީން އަނބުރާ ގެންގޮސްފައިވާކަން ވެސް އޭނާ ފާހަގަކުރި އެވެ. 
"އަދިވެސް ދަންނަވަމެވެ. އަޅުގަނޑުގެ މައްޗަށް ކުރެވުނީ ގާނޫނީ ހަމައަކުން ކުރެވިގެންވާނޭ ދައުވާއެއް ނޫނެވެ. އެކަން އެ އޮތީ ކިތަންމެ ދުވަހެއް ފަހުން ވެސް ގާއިމުވެފަ އެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ވިދާޅުވެ މަނިކުފާނު ވަކާލާތުކުރައްވާއިރު، އަޅުގަނޑުގެ މައްސަލައިގައި އެހަމަ ނެތީތޯ އެވެ،" އާޒިމާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ