މީޑިއާ ފެންޑާ އެންމެ ފަހުން ތަޅާލައިފި

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި، މިނިވަން ހިޔާލާއި ނޫސްވެރިކަން ކޮންޓްރޯލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އަޑުއުފުލަން ފެށުމުން، "ހުއްދަ ނުހޯދާ ބަޔަކު" ބޭނުން ކުރަނީ ކަމަށް ބުނެ ރައީސް އޮފީހުން އުވާލި މީޑިއާ ފެންޑާ އެންމެ ފަހުން ތަޅާލައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައި، ރާނާފައިވާ ކުޑަ ސިޑިބަރިއަކާ އެކު ހިޔާކޮށް، ކަރަންޓް ލިބޭ ގޮތަށް މި ތަން ގާއިމްކޮށްފައިވަނީ މިދިޔަ މެއި މަހު ފަހުކޮޅު އެވެ.
އެ ފެންޑާ ހުޅުވިއިރު ރައީސް އޮފީހުން ބުނެފައިވާގޮތުގައި:
އެ ފެންޑާއަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ރަސްމީ ގަޑީގައި ހޯދުން ފަސޭހަކޮށްދިނުމަށް ހެދި ތަނެއް
އެތަން "ނޫސްވެރިން ބޭނުންވާ ހާލަތްތަކެއްގައި" 24 ގަޑިއިރު ވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވިފައި ހުންނާނެ
އެކަމަކު، 'މީޑިއާ ކޮންޓްރޯލް ބިލު'އާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އިހްތިޖާޖު ކުރުމަށް ނޫސްވެރިން އެތަން ބޭނުންކުރަން ފެށުމާ އެކު، "ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުންނުދާތީ" ކަމަށް ބުނެ އެތަން ވަނީ މި މަހުގެ 14ގައި އުވާލާފަ އެވެ. 
ތަފްސީލު -  މީޑިއާ ފެންޑާ އުވާލުމަށް ފަހު އެތަަނަށް ނޫސްވެރިން ވަނުން ހުއްޓުވުމަށްޓަކައި އެތަނުގައި ހުރީ ރުއް އިންދާފައިވާ ގަސްމުށިތަކެއް ބަހައްޓާފަ އެވެ. 
އެގޮތަށް އެތަން ބަންދުކޮށްފައި ހުއްޓަސް، އެތަނުގައި ތިބެ ލިޔާނެ ކަމަށް ބުނެ ބައެއް ނޫސްވެރިން ޕޯސްޓުތަކެއް ކޮށްފައިވަނިކޮށް، އެތަނުގައި އިށީނދެވޭ ގޮތަށް ހުރި ސިޑިބަރި މިހާރު ހުރީ ތަޅާލާފަ އެވެ. 
އެނގުން މުހިންމު - މީޑިއާ ފެންޑާ އެންމެ ފަހުން ތާޅާލިއިރު، މިނިވަން ހިޔާލާ، ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށް ފާސްކުރި މީޑިއާ ބިލު ރައީސް މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
ނަމަވެސް އެ ގާނޫނަށް އަމަލުކުރަން ދެކޮޅުހަދައި ނޫސްވެރިން އަދިވެސް ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ