ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރުމަށްފަހު ތިމާވެށްޓަށް ލިބޭ ގެއްލުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާއެކު އެ މަސައްކަތް ކުރިއަށް ނުގެންދާން ނިންމި ބ. ދޮންފަނުގައި ހިނގި ފަދަ ކަމެއް ހިނގަން ބޭނުންނުވާ ކަމަށް ވިދާޅުވެ، ވ. ފުލިދޫ ރައްޔިތުން އެ ރަށުގެ ބިން ހިއްކަން އެދޭނަމަ އެކަމަށް އެދި ލިޔުމެއް ފޮނުވުމަށް ރައީސް މުހައްމަދު މުއިއްޒު އަންގައިފި އެވެ.
ދޮންފަނުގެ ބިން ހިއްކަން ރައްޔިތުން ބޭނުންވިޔަސް، ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުންނާއި ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާއި އާންމުން ވެސް ވަނީ މިކަން ނުކުރަން ސަރުކާރަށް ގޮވާލާފަ އެވެ. ސަބަކަށްވީ އެ ރަށާއި ކައިރީގައި އޮންނަ ހަނިފަރު ސަރަހައްދަށް ލިބޭނެ ގެއްލުމެވެ.
މިކަމާ ގުޅުވައި، ފެލިދޫ ރައްޔިތުން ބިން ހިއްކަން ބޭނުންނަމަ އެކަން ލިޔުމުން އަންގަން ޖެހޭ ސަބަބެއްގެ ގޮތުގައި މުއިއްޒު ދެއްކީ އެ މަޝްރޫއު ހަވާލުކުރުމުން އެކަމާއި ދެކޮޅަށް ބަޔަކު ނުކުމެއްޖެ ހާލަތުގައި، އެ ލިޔުން "ދެއްކޭނެ" ތީ ކަމަށެވެ.
"މިސާލަކަށް ތިބޭފުޅުންގެ ރަށަށް ބޭނުންވާ ބިން ހިއްކުމާއި ދެކޮޅަށް ބަޔަކު މަސައްކަތެއް ކޮށްފިއްޔާ، އެކަމަށްޓަކައި ވެސް ދެއްކެން އޮންނާނެ ލިޔުމަކަށް ވާނެ އެ ލިޔުން،" މުއިއްޒު ވިދާޅުވި އެވެ.
އެހެންކަމުން މިކަމަށް އެ ރަށުގެ ރައްޔިތުންގެ އެދޭކަން އެނގޭނެ ފަދަ ލިޔުމެއް ކައުންސިލް މެދުވެރި ސަރުކާރަށް ފޮނުވުމަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުލިދޫ ފަޅުން ހިއްކާނެ ކަމަށް މުއިއްޒު މިއަދު ވައުދުވީ 12 ހެކްޓަރުގެ ބިމެވެ. އެކަން ވަރަށް ފަސޭހައިން ހަމަޖެހޭނެ ކަމަށާއި މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްގެން ފެށި ބަނދަރުގެ މަސައްކަތުގެ ތެރެއިން އެކަން ކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެކަމު މިކަމަށްޓަކައި އަޅުގަނޑަށް މި ލިޔުން ފޮނުވައިދިނުމަކީ ވަރަށް އެދޭ ކަމެއް. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑަށް އެބައޮތް. ދާދި އަވަހަށް ލަސްތަކެއް ނުކޮށް އެފަދަ ލިޔުމެއް ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފޮނުވައިދިނުމަށް ވަރަށް ބޮޑަށް އެދެން،" ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ދޮންފަނުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދާން ނިންމެވީ އެކަންކުރަން އެ ރަށުގެ ރައްޔިތުން ނޭދޭތީ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހެއްދެވީ ދޮގެއް ކަމަށް ދޮންފަނު ކައުންސިލުން ބުނެފައިވަނިކޮށެވެ.
އެ ނިންމުމާއެކު ދޮންފަނު ރައްޔިތުން ވަނީ ކައުންސިލް ދޮށުގައި މުޒާހަރާކޮށް ހަނިފަރު ބޭ އަށް ފީނަން ދިޔަ ބައެއް ދޯނިތަކަށާއި ސަފާރީތަކަށް ހުރަސް އާޅާފަ އެވެ. އެ ދުވަހު އާންމުވި ވީޑިއޯތަކުން ފެނުނު ގޮތުގައި ހަނިފަރަށް ފީނަން ދިޔަ މީހުންނަށް ހުރަސް އެޅީ ދޮންފަނުން އައި ދޯންޏެއްގައި ތިބި ބައެކެވެ.
ދޮންފަނުން އައި ދޯނީގައި ތިބި މިހުން ވަނީ އެތަނަށް ފީނަން އައި ފަތުރުވެރިންނަށް ހުރަސް އަޅައި އެތަނަން ފީނަން ނޭރޭނެ ކަމަށް ބުނެފަ އެވެ. ދޯނީގައި ތިބި މީހުން ހިފައިގެން ތިބި ޕޯސްޓަރުގައި ލިޔެފައި ވަނީ ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށް ގޮވާލާފަ އެވެ.
ދޮންފަނު ކައުންސިލުން ކުރި ތުހުމަތަށް އަދި ރައްޔިތުން ކުރި މުޒާހަރާތަކަށް ސަރުކާރުން އަދި މުއިއްޒު ވެސް މިހާތަނަށް ރައްދެއް ދީފައެއް ނުވެ އެވެ.
ދޮންފަނުގައި ދިމާވިފަދަ މައްސަލައެއް ޖެހިދާނެތީ ބިން ހިއްކަން ފުލިދޫ ރައްޔިތުންގެ ލިޔުމެއް ބޭނުންވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ ދޮންފަނުގައި ދިމާވިފަދަ މައްސަލައެއް ޖެހިދާނެތީ ބިން ހިއްކަން ފުލިދޫ ރައްޔިތުންގެ ލިޔުމެއް ބޭނުންވާނެ ކަމަށް މުއިއްޒު ވިދާޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ