އަމިއްލަ ވިޔަފާރިތަކަށް ސަރުކާރު ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާ، އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކުހާ 'ލާޖައްސައި' ދިނުމަށް ވިޔަފާރިވެރިޔަކު ރައީސް މުހައްމަދު މުއިއްޒު އަރިހުން މިރޭ އެދެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން މިރޭ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ދާ ބައްދަލުކުރެއްވުމުގައި ކުރީ ސަރުކާރުގައި ވިޔަފާރިތަކުން ކުރި މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ އަދިވެސް ނުލިބި އެބަ ހުރިކަމުގެ ޝަކުވާ ވިޔަފާރިވެރިން އުފުލި އެވެ.
ތަފްސީލް - އެ ޝަކުވާ ރައީސްއާ ހިއްސާކުރަމުން ވިޔަފާރިވެރިޔަކު ބުނީ އޭނާގެ ކުންފުނިން ކުރި މަސައްކަތަށް ލިބެން ޖެހޭ ފައިސާ ނުލިބުނު ނަމަވެސް ޓެކްސް އިދާރާ މީރާއަށް ދައްކަން ޖެހޭ ޓެކްސް އާއި އެހެން ފީތައް ވެސް ގަވައިދުން ދައްކަން ޖެހޭ ކަމަށެވެ.
"މިކަމުގެ ސަބަބުން ޓެކްސްގެ ޖޫރިމަނާ އަރާ، މާލީ ދަތިކަމުގެ ތެރެއިން ހަރު މުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ ސަރުކާރުގެ އެސްއޯއީތަކުން ވެސް އަމިއްލަ ވިޔަފާރިތަކަށް ދައްކަން ހުރި ފައިސާއިން މީރާއަށް ދައްކަން ޖެހޭ ޓެކްސް ލާޖައްސައި އުނިކުރެވޭނެ އިންތިޒާމެއް ގާނޫނުގެ ތެރެއިން ހަމަޖައްސައިދެއްވުން،" އޭނާ ބުންޏެވެ.
އެހެން ވިޔަފާރިވެރިޔަކު ބުނީ އޭނާގެ ވިޔަފާރިއަށް ސަރުކާރުން ލިބެން ޖެހޭ 1.3 މިލިއަން ރުފިޔާ ނުލިބި އޮންނަތާ ދެ އަހަރާއި ބައި ވެއްޖެ ކަމަށެވެ. ނަމަވެސް ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް އާއި ފީތައް ގަވައިދުން ދައްކަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ވިޔަފާރިއަށް އަސަރުކުރާކަން އޭނާ ފާހަގަކުރި އެވެ.
އެ ވިޔަފާރިވެރިޔާ ވަނީ ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދީ، ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ސަބްސިޑީ ދޭތީ އެކަމަށް ފާޑުކިޔައިފަ އެވެ.
"[އަޅުގަނޑުމެން] ސަބްސިޑީއެއް ބޭނުމެއް ނޫން. ކުރާ މަސައްކަތުގެ ފައިސާ 15 ދުވަސް ތެރޭ ދިނުމުން ފުދޭނެ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.
ފާހަގަކުރެވޭ - ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، ނުދައްކާ ހުރި 440 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި ހުރިހާ ބިލެއް ދައްކާ ނިމެންދެން ކޮންމެ ދުވަހަކު ވެސް މި ފައިސާ ދެއްކުން ކުރިއަށްދާނެ އެވެ.
ސަރުކާރުގެ ތެރެއިން ވިޔަފާރިތަކަށް ލިބެން ޖެހޭ ފައިސާ ޓެކުހާ ލާޖައްސައިދޭން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ