ފުޓްބޯޅަ ތާރީޚުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް، އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރުގައި ޤައުމީ ޓީމުގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރަތްކާޑު ދައްކައިފިއެވެ.
ރޮނާލްޑޯ އަށް މި ރަތްކާޑު ދެއްކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އަޔަލޭންޑާ ދެކޮޅަށް ޕޯޗުގަލް ރޭ ކުޅުނު މެޗުގައެވެ. މި މެޗުގައި ޕޯޗުގަލް ވަނީ 2-0 އިން އަޔަރލެންޑް އަތުން ބަލިވެ ވޯލްޑްކަޕްގެ ޖާގައަކަށް އިތުރަށް އިންތިޒާރުކުރަން ޖެހިފައެވެ.
މެޗުގެ 61 ވަނަ މިނެޓުގައި އަޔަލޭންޑުގެ ޑިފެންޑަރު ދާރާ އޯ'ޝީއަށް މެޗުން ބޭރުން އަނިޔާވެރި ޢަމަލެއް ހިންގުމުން ރޮނާލްޑޯއަށް ފުރަތަމަ ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ އިރުޝާދު ހޯދުމަށްފަހު ޕިޗްސައިޑް މޮނިޓަރުން ހާދިސާ މުރާޖަޢާކޮށް، ރެފްރީ އެ ނިންމުން ރަތް ކާޑަށް ބަދަލުކުރިއެވެ.
މިއީ ފިރިހެނުންގެ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ރެކޯޑު ޤާއިމުކޮށްފައިވާ 226 ވަނަ މެޗުގައި ރޮނާލްޑޯއަށް ޕޯޗުގަލްގެ ޖާޒީގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ. ކުލަބް ފެންވަރުގައި އޭނާއަށް މިހާތަނަށް 13 ފަހަރު ރަތް ކާޑު ދައްކާފައިވެއެވެ.
އަލް ނަސްރުގެ ސްޓްރައިކަރު ރޮނާލްޑޯއަށް ރަތް ކާޑު ދެއްކުމުން ޕޯޗުގަލް އާދިއްތަ ދުވަހު އަރުމީނިއާއާ ދެކޮޅަށް ކުޅޭ މެޗު ނުކުޅެވޭނެއެވެ. މި މެޗުން މޮޅުވެއްޖެނަމަ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ހޯސްޓްކުރާ ވޯލްޑް ކަޕަށް ޕޯޗުގަލްގެ ޖާގަ ޔަޤީންވާނެއެވެ.
ފީފާގެ ޑިސިޕްލިނަރީ ގަވާއިދުތަކުގެ ދަށުން "ސީރިއަސް ފައުލް ޕްލޭ" އަކަށް "މަދުވެގެން ދެ މެޗުގެ" ބޭނެއް ކަނޑައަޅަންޖެހެއެވެ. އަދި "އަނިޔާވެރި ޢަމަލަކަށް" ނުވަތަ "އެސޯލްޓް، އެލްބޯ ޖެހުން ފަދަ ކަންކަމަށް" "މަދުވެގެން ތިން މެޗު ނުވަތަ އެކަށީގެންވާ މުއްދަތަކަށް" ބޭން ކުރަންޖެހެއެވެ. ފީފާއިން ކަނޑައަޅާ ބޭނެއް ހަމައެކަނި މުބާރާތުގެ މެޗުތަކަށް ތަންފީޒުކުރެވޭނެއެވެ.
މެޗަށްފަހު ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯ ދިފާޢުކޮށް ވާހަކަ ދައްކާފައެވެ.
"ރަތް ކާޑަކީ ބައިނަލްއަގްވާމީ 226 މެޗު ކުޅެފައިވާ މީގެ ކުރިން އެއްވެސް ފަހަރަކު މެޗަކުން ބޭރުކޮށްފައިނުވާ ކެޕްޓަނަކަށް ދެއްކި ކާޑެއް، މިއަދު، އަހަރެންނަށް ހީވަނީ އެއީ ތަންކޮޅެއް ހަރުކަށި ނިންމުމެއްކަމަށް، 58 ނުވަތަ 60 މިނެޓުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ސަރަޙައްދުގައި އޭނާ ހުއްޓާ ހިފެހެއްޓި، ދަމައިގަތް، ކޮއްޕާލި، އެހެންވެ އޭނާ ޑިފެންޑަރާ ދުރަށް ދާން މަސައްކަތްކުރާއިރު... އަހަރެންނަށް ހީވަނީ އެ ޙަރަކާތް ޙަޤީޤަތުގައި ކަންހިނގިވަރަށްވުރެ ބޮޑަށް ނުރަނގަޅު ގޮތަކަށް ފެންނަނީހެން، އަހަރެން ނުދެކެން އެއީ އެލްބޯއެއް ކަމަކަށް، އަހަރެން ދެކެނީ އެއީ މުޅި ހަށިގަނޑުގެ ޙަރަކާތެއް ކަމަށް. އެހެންނަމަވެސް ކެމެެރާ ހުރި ހިސާބުން، އެއީ އެލްބޯއެއް ކަމަށް ފެނޭ، ނަމަވެސް އަހަރެމެން އެކަން ޤަބޫލުކުރަން." ކޯޗު ބުނެފަވެއެވެ.
ޕޯޗުގަލް މި މެޗަށް ދިޔައީ މޮޅުވެއްޖެނަމަ 2026 ވޯލްޑް ކަޕަށް ޖާގަ ޔަޤީންވާނެކަން އެނގިތިބެއެވެ. ނަމަވެސް އަޔަލޭންޑުން ޓްރޯއި ޕެރޮޓްގެ ދެ ލަނޑުން ޕޯޗުގަލަށް ސިހުމެއް ގެނެސްދިނެވެ. މި ބަލިވުމާއެކު ވެސް، ޕޯޗުގަލް އަދިވެސް ގްރޫޕް އެފްގައި ހަންގޭރީއަށްވުރެ 2 ޕޮއިންޓް ކުރީގައި އޮތުމާއެކު، އަރުމީނިއާއާ ދެކޮޅަށް މޮޅުވެއްޖެނަމަ ރޮނާލްޑޯއަށް އޭނާގެ 6 ވަނަ ވޯލްޑް ކަޕަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ރޮނާލްޑޯ އަށް ގައުމީ ޖޯޒީގައި ދެއްކި ފުރަތަމަ ރަތްކާޑާއެކު ޕޯގަލް ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ