މަމްދާނީއަށް ޓްރަމްޕް ތައުރީފުކުރައްވައި ވާހަކަ ދައްކަވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނިއު ޔޯކް ސިޓީގެ އިންތިހާބީ މޭޔަރު ޒޮހްރާން މަމްދާނީއާ އިއްޔެ ބައްދަލުކުރައްވައި މަމްދާނީއަށް ތައުރީފު ކުރައްވައިފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ސޯޝަލިސްޓް މޭޔަރު އިންތިހާބުވުމަށް ފަހު ދެއްވި ކާމިޔާބީގެ ތަގުރީރުގައި އޭނާ ވިދާޅުވީ ޓްރަމްޕަކީ ހުދުމުހުތާރު ވެރިއެއް ކަމަށެވެ.
އިއްޔެގެ ބައްދަލުވުމުގެ ކުރިން ޓްރަމްޕްގެ ތަރުޖަމާން މަމްދާނީ ވައިޓް ހައުސްއަށް ވަޑައިގަތުން ސިފަ ކުރެއްވި ގޮތުގައި، އެ ދަތުރަކީ ކޮމިއުނިސްޓަކު ވައިޓް ހައުސްއަށް ވަޑައިގަތުމުގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
ނަމަވެސް އޯވަލް އޮފީހުގައި ދެ ބޭފުޅުން ޖެހިޖެހިގެން އެކުގައި ތިއްބެވި އިރު އެ ދެ ބޭފުޅުންގެ ވާހަކަތައް ހުރީ، ކުރިން ހީކުރި ގޮތާ ހިލާފަށް ވަރަށް ހައިރާން ކުރުވަނި ގޮތަކަށް އެކަތިގަނޑެއްގެ ގޮތުގަ އެވެ. 
އެ ދެ ބޭފުޅުން ވެސް ވަނީ ނިއު ޔޯކް ސިޓީގެ އަގުތައް އަތްފޯރާ ފަށަށް ގެނައުމުގެެ މައްސަލަ ހައްލު ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. މަމްދާނީ އޭނާއަށް ދިން ސިޔާސީ ހަމަލާތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ވެސް ދެ ބޭފުޅުން ވާހަކަ ދެއްްކެވީ ހިނިތުންވުމާ އެކު އެވެ. 
އެ ބައްދަލުވުމުގެ ރާގުން ސިޔާސީ އޮބްޒާވަރުންނަށް ހައިރާންކަން ލިބުނު ނަމަވެސް، އަގުތައް ތިރިކުރުމަށް ހައްލު ހޯދުމަކީ ސިޔާސީ ކާމިޔާބީއަށް ވަރަށް މުހިންމު ކަމެއްކަން ދެބޭފުޅުން ވެސް ގަބޫލު ކުރައްވާ ކަމުގެ އިޝާރާތް ލިބިގެންދިޔަ އެވެ.
އަންނަ 1 ޖެނުއަރީގައި މަމްދާނީ މޭޔަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ސުލްހައިގެ އެއްބަސްވުމެއް ދެމި އޮންނާނެތޯ ނުވަތަ ނޫންތޯ ބަލަން ޖެހެ އެވެ.
"އެ ދުވަހާ ޖެހެންދެން އަހަރެން އޭނާއަށް ހިތްވަރު ދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެ ދެ ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަން ފެެއްޓެވި ހިސާބުން ފެށިގެން އެ ގުޅުން ވަރަށް ސާފުކޮށް އެނގުނެވެ.
އެ ދެ ބޭފުޅުންގެ އެކަހެރި ބައްދަލުވުމަކަށް ފަހު މަމްދާނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕްގެ ކަނާތްފަރާތުގައި ދެއަތް ޖޯޑުކޮށްލައިގެން ކޮޅަށް ހުންނަވައި ވާހަކަ ދެއްކެވި އެވެ. އެ ދެ ބޭޅުންގެ ހަރަކާތްތައް ވަރަށް ބޮޑަށް ހަމަހިމޭންކޮށް ފެނުނެވެ. ހާއްސަކޮށް ޓްރަމްޕެވެ.
ޓްރަމްޕް ވަނީ މަމްދާނީއަށް ހަމަލާ ނުދީ އެތައް ފަހަރަކު ތައުރީފު ކުރައްވައިފަ އެވެ. އަދި މަމްދާނީއަކީ ވަރަށް ގާބިލު މޭޔަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަމްދާނީއަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ