ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
ރާއްޖެ އެތެރެކޮށް، ބޮންޑްކޮށްފައިވާ ސިގިރޭޓްތަކެއް ވަގަށް ބޭރުކޮށްފައިވަނިކޮށް އޭގެ ޑިއުޓީއަށް 20 މިލިއަން ރުފިޔާ، ދެ ހަފުތާ ތެރޭ ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ 2018 ވަނަ އަހަރު، އެސްޖީއެމް ކިޔާ ކުންފުންޏަކުން އެތެރެކުރި ސިގިރޭޓްތަކެއްގެ މައްސަލައެވެ. މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 2018 ވަނަ އަހަރުގެ އޭޕްރީލް އަދި ޖޫން މަހު ރާއްޖެ އެތެރެކުރި ގާތްގަނޑަކަށް ހާހެއްހާ ކޭހުގެ ސިގިރޭޓް، ކަސްޓަމްގެ ބޮންޑުން ބޭރު ކުރީ ސިއްރުންނެވެ. އޭގެ ޑިއުޓީއަށް ދައްކަން ޖެހޭ، 20،720،415.54 ރުފިޔާ މިހާތަނަށް ވެސް އޮތީ ނުދައްކައެވެ. އެ ފައިސާ ނުދައްކައި އޮތުމުން ކަސްޓަމްސްއިން އެ ފައިސާ ހޯދަން ދައުވާކުރީ މި އަހަރެވެ. މި ދައުވާގައި ކަސްޓަމްސްއިން އެދިފައިވަނީ އެ ފައިސާ އެކީ އެއް ފަހަރާ އެ ކުންފުނިން ހޯދުމަށެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ކޯޓަށް ލިބިފައިވާ އެޑްރެހުން އެ ކުންފުންޏަށް މައްސަލައިގެ ލިޔެކިޔުންތައް ރައްދުކޮށްދެވިފައެއް ނުވެއެވެ. އެ ކުންފުންޏަށް ލިޔެކިޔުންތައް ރައްދުކުރެވޭ ގޮތް ނުވުމުން އެ ކުންފުނި ހޯދަން ކޯޓުންވަނީ އިއުލާން ވެސް ކޮށްފައެވެ. އެކަމަކު ވެސް އެ ކުންފުނީގެ ޚަބަރެއް ނުވުމުން މައްސަލަ ކުރިއަށް ގެންގޮސް މައްސަލަ ނިންމީ ޣައިރު ހާޒިރުގައެވެ. މި މައްސަލައިގެ ހުކުމްގައި ގާޒީ އަބްދުއްނާސިރު ޝަފީގު އަމުރުކޮށްފައިވަނީ 14 ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ. ޓްރޭޑް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެސްޖީއެމް ކުންފުނީގެ ބޯޑުގައި ތިބެނޭ މުހައްމަދު ފަރުސީދު ކިޔާ މީހަކާ ޔޫސުފް އުމަރު ކިޔާ މީހެކެވެ. އެކަމަކު، ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުން މި ދެ މީހުން ވެސް އެޕޮއިންޓްކޮށްފައިވަނީ ސިގިރޭޓްތައް އެތެރެ ކުރިކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ތާރީޚުގެ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ