އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގައި ބައިވެރިވި ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އިހުތިޖާޖުގެ ތިން ބައިވެރިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން ފެށި އިހުތިޖާޖުގެ ބައިވެރިން ވަނީ ހަވީރުން ފެށިގެން މާލެ ފަޅުން ބޭރުގައި ދޯނިތައް އަޅައިގެން ތިބެފަ އެވެ. އިހުތިޖާޖު ރޫޅާލީ މިއަދު ފުލުހުން އެ ސަރަހައްދަށް ގޮހެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ މަސްވެރިން ކުރި އިހުތިޖާޖުގައި ބައިވެރިވި މީހުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެ ކަމަށް އިޖާބަދީފައިނުވާ ކަމަށެވެ.
އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށް މިއަދު މެންދުރުފަހުން ފެށިގެން އިހުތިޖާޖުގައި ބައިވެރިވި ބައެއް ދޯނިތަކަށް އަރާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ:
ދޯނިތަކަށް ފުލުހުން އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހެދި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވޭ
އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެ ކަމަށް އިޖާބަދީފައެއްނުވޭ
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
އިއްޔެއިން ފެށިގެން މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު އިހުތިޖާޖުގެ ބައިވެރިންނާ އެކި ގޮތް ގޮތުން މުއާމަލާތްކޮށް، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދޯނިތައް އަޅައިގެން މަސްވެރިން ތިބި ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދުކަން ފާހަގަކޮށް ފުލުހުން ބުނީ އިއްޔެ އާއި މިއަދު ވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ، އުޅަނދުތަކަށް ދަތިނުވާ ގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
ނަމަވެސް، ފުލުހުން ބުނި ގޮތުގައި، އިހުތިޖާޖުގެ ބައިވެރިން ފުލުހުންގެ އެންގުންތަކަށް އިޖާބަދީފައެއް ނުވެ އެވެ.
ފުލުހުންގެ އެންގުންތަކަށް ދެކޮޅުހަދާ އިހުތިޖާޖުގެ ބައިވެރިން، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށްފައިވާ ކަމަށާއި މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި ވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ފާހަގަަވި ކަމަށް ވެސް ބުންޏެވެ.
އިހުތިޖާޖު ކުރިއަށް ދިޔަ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަށްވީ ނަމަވެސް، އިހުތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން އިއްޔެ މެންދުރުން ފެށިގެން މުޅި ރޭގަނޑު އެއްކޮށް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެ އާއި ދޫނިދުއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާހަގަ ކުރެވޭ - ފުލުހުން މެންދުރު ބުނީ، އިހުތިޖާޖުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވެސް ހިމެނޭ ކަމަށެވެ. މައުރޫފު ހައްޔަރުކުރުން ކުށްވެރިކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އޭނާ ދޫކޮށްލަން ގޮވާލައިފަ އެވެ.
މަސްވެރިންގެ އިހުތިޖާޖު: 3 ދޯންޏާއި 3 މީހަކު ފުލުހުންގެ ހައްޔަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ