ހަފްތާއަކު ޚަޠިމެއްކުރާ ދަރިފުޅާ ކޮންމެ ތިން ދުވަހަކުން ޚަތިމެއް ކުރާ ބައްޕަގެ ވާހަކަ-

ކީރިތި ޤުރްޢާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. ސުވާލަކީ އެންމެ ަމތިވެރި ޛިކުރުކުރަން އަހުރެމެންނަށް ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ މިދެބަފައިންގެ ވާހަކަ ވިދާޅުވެލައްވާފައި ނިކަން ޖަވާބުދެއްވަބައްލަވާށެވެ!
ބައްޕައަކު ދަރިފުޅާއި ސުވާލުކުރިއެވެ. "ދަރިފުޅު ޤުރްއާން ކިޔަވަމުތޯ؟" އެވެ. ޖަވާބުގައި ދަރިފުޅު ބުނީ ޢާންމު ގޮތެއްގައި ހަފްތާއަކު ޚަޠިމެއް ކުރާކަމަށެވެ.  
ވިއްދައިގެން ބައްޕަކުރީ އިތުރު ސުވާލެކެވެ. "ދަރިފުޅު ދިރިއުޅެން މަސައްކަތް ކުރަމުހެއްޔެވެ؟ އަނބިދަރިންގެ ޚަރަދުބަރަދު ބަލަހއްޓަން ހެއްޔެވެ؟" ޖަވާބުގައި ދަރިފުޅު ބުނީ ޢާއިލާގެ ޚަރަދުތައް ބެލެހެއްޓޭވަރަށް މަސައްކަތްކުރާ ކަމަށެވެ. އިތުރުކުރަންވެސް މަސައްކަތް ކުރާކަމަށާއި ނަމަވެސް އެކަމުގައި އިންތަކެއްގައި ހިފަހައްޓާ ކަމަށެވެ.  
ބައްޕަ ބުންޏެވެ. "މާޝާ ﷲ! ދަރިފުޅަށް ޤުރްއާން އުނގަންނައިދީ ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބިޖައްސުވަން މަންމައާއި ބައްޕަކުރި މަސައްކަތުގެ އަގު ލިބިއްޖެއެވެ. ދަރިފުޅާއެވެ. ދަރިފުޅުމެން ބޮޑެތިވެ އަމިއްލައަށް ދިރިއުޅެން ފެށުމުން ބައްޕަގެ މަސައްކަތަށް ލުއިލިބުނުފަހުން ކޮންމެ 3 ދުވަހަކުން ޚަޠިމެއްކުރަން ބައްޕަ މަސައްކަތްކުރަމެވެ."  
ނިކަން ވިސްނައިލަބަލާށެވެ! އެބުނަނީ ދުވާލަކު 10 ފޮތް ކިޔަވާ ވާހަކައެވެ. ކިތަންމެ ފަރިތަކޮށް ކިޔެވިނަމަވެސް އެކަމަށް ދުވާލަކު 4،5 ގަޑިއިރު އެކަމަށް ހޭދަކުރަންޖެހޭނެއެވެ.
ދެން ނިކަން ވިދާޅުވެބައްލަވާށެވެ! ކީރިތި ޤުރްއާން ކިޔަވަން އަޅުގަނޑުމެންނަށް އެބަ މަސައްކަތްކުރެވޭހެއްޔެވެ؟ ހަފްތާއަކުން ޚަޠިމެއް ކުރުން ދުރުގައި ބާއްވާފައި މަހަކުން ނުވަތަ އަހަރަކުން ޚަޠިމެއް ކުރެވޭ ހެއްޔެވެ؟ އެއް ރޯދައިން އަނެއް ރޯދައާއި ދެމެދު ޚަޠިމެއް ކުރެވޭ ހެއްޔެވެ؟  
ރާއްޖެއަށް ބަލައިފިނަމަ ޢުމުރުން 65 އަހަރުވުމުން ޢިނާޔަތްތްކެއް ލިބެއެވެ. އެހެންކަމާއިއެކުވެސް އަޅުކަމުގައި ހޭދަކުރެވެނީ ކިހައި ވަޤުތެއް ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލުން މުހިންމު ސުވާލުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ