ޑްރެޕާ އާއި ޓްރޮޓްމަން ހަތަރު އަހަރަށް ފަހު ވަކިވެއްޖެ ޑްރެޕާ އާއި ޓްރޮޓްމަން ހަތަރު އަހަރަށް ފަހު ވަކިވެއްޖެ

ލަންޑަން (އޮކްޓޫބަރު 18) - އިނގިރޭސި އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ، ޖެކް ޑްރެޕާ އާއި އޭނާގެ ކޯޗު ޖޭމްސް ޓްރޮޓްމަން ހަތަރު އަހަރަށް ފަހު ވަކިވެއްޖެ އެވެ.
ޑްރެޕާ ވަނީ އަންނަ ސީޒަނުގައި އޭނާގެ ކޯޗަކަށް ޖޭމީ ޑެލްގާޑޯ ހަމަޖައްސައިފަ އެވެ. ޖޭމީ ޑެލްގާޑޯ އަކީ 2016 އިން 2021 އަށް ކުރީގެ އިނގިރޭސި އެއް ވަނަ ޓެނިސް ތަރި، އެންޑީ މަރީގެ ކޯޗެވެ.
މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތަށް ފަހު، ޑްރެޕާ އަށް އަނިޔާގެ މައްސަލަތައް ދިމާވަމުން އަންނައިރު، އޭނާ ސީޒަން އަވަހަށް ނިންމާލީ އަަތަށް ލިބިފައިވާ އަނިޔާ އަކުން ފަރުވާ ހޯދައިގެން އަންނަ ސީޒަނުގައި ވަރުގަދަ އަށް އެނބުރި އައުމަށެވެ. އަދި، އަންނަ ސީޒަނުގައި މިހާރު އޭނާ އަންނާނީ އާ ކޯޗެއްގެ އިރުޝާދުގެ ދަށުން ކަމަށް އިއުލާނުކޮށްފައިވާއިރު، ކުރީގެ ކޯޗު ޓްރޮޓްމަން މިހާރު ވަނީ ކޯޗިން ޓީމުން ވެސް ވަކިވެފަ އެވެ.
ޓްރޮޓްމަން ބުނީ މި ނިންމުމާ ހަމައަށް އައީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ކަމަށާއި އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކަންކަމުގެ ވަގުތު މޭނޭޖްކުރަން ޖެހޭ ވަގުތުގައި އާއިލާއާ އެކު މަޝްވަރާކޮށްފައި ވެސް ގޮތް ނިންމަން ޖެހޭނެ ކަމަށެވެ. އަދި، ޑްރެޕާއާ އެކު، ހޭދަކުރި ހަތަރު އަހަރަކީ އޭނާ އަށް ގިނަ ގޮތްގޮތުން ކާމިޔާބު އަހަރުތަކެއް ކަމަށް ޓްރޮޓްމަން ވަނީ ބުނެފަ އެވެ.
ޑްރެޕާ ވަނީ މި އަަހަރު އިންޑިއަން ވެލްސް މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން، ދުނިޔޭގެ ރޭންކިންގެ ހަތަރަކަށް ވެސް ޖެހިލައިފަ އެވެ. މިދިޔަ އަހަރު ޔޫއެސް އޯޕަން ފައިނަލަށް ދިޔައިރު، އޭޓީޕީ ދެ ތަށި ހޯދި އެވެ.
އަންނަ އަހަރު ޑްރެޕާގެ ކޯޗަކަށް މަސައްކަތްކުރާ، ޑެލްގާޑޯ ވަނީ ތިން އަހަރަށް ފަހު، ޓެނިސް ކުޅުންތެރިޔާ، ގްރިގޯ ޑިމިޓްރޯވްއާ އެކު ކޮންޓްރެކްޓް ނިންމާލައިފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ