ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޤާނޫނު ނަންބަރު 10/2010، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2025 ނޮވެންބަރު 27 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި އެ އިންތިޚާބުގެ އެންމެހައި އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
އެގޮތުން ގެނެވުނު އިސްލާޙްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި އިސްލާޙްކޮށްފައެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ