މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަޕާނަށް މިއަދު ވަޑައިގެންފި އެވެ.
އެ ދަތުރުފުޅުގައި ޖަޕާނުގެ އެމްޕެރާ އާއި އަލަށް އިންތިހާބުވި ބޮޑުވަޒީރު ސަނޭ ޓަކައިޗީއާ ބައްދަލުކުރެއްވުމަށް ފަހު ވިޔަފާރި އާއި އިންވެސްޓްމަންޓާއި ދިފާއީ ހަރަދުތައް އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅުގައި، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރައްވައި ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވައިފަ އެވެ.
ޓްރަމްޕްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެކުނު ކޮރެއާގައި ބާއްވަވާ ބައްދަލުވުމަށް ފަހުގަ އެވެ. އެ ބައްދަލުވުމުގައި ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު އޮތް ދެ ގައުމުގެ ވިޔަފާރީގެ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ އެވެ.
އިމްޕޯޓް ޓެރިފް ލުއި ކުރުމުގެ ބަދަލުގައި ޖަޕާނުން ވަނީ 550 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެމެރިކާގައި ކުރުމަށް ނިންމައިފަ އެވެ. އަދި ޓަކައިޗީ އުއްމީދު ކުރައްވަނީ އެމެރިކާގެ ޕިކަޕް ޓްރަކްތަކާއި ސޯޔާބީންސް އަދި ގޭސް އެމެރިކާ އިން ގަންނަ ވަރު އިތުރު ކުރާނެ ކަމަށެވެ.
"އަޅުގަނޑު މެލޭޝިއާ ދޫކޮށް މިދަނީ ވަރަށް ހިތްހަމަޖެހުމާ އެކު. ބޮޑެތި ވިޔަފާރީގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިން. އޭގެ އިތުރަށް ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރިން. ހަނގުރާމައެއް ނުކުރޭ. އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވީ އެ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ޓްރަމްޕްގެ ދަތުރުފުޅަށް ޓޯކިޔޯގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ފުލުހުންނެެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އެމެރިކާގެ އެމްބަސީގެ ބޭރުގައި ވަޅި ހިފައިގެން ހުރި މީހަކު ހައްޔަރު ކުރުމާއި ޓްރަމްޕާ ދެކޮޅަށް ޝިންޖުކޫގައި މުޒާހަރާ ކުރަން ރާވާފައިވާތީ ނުތަނަވަސްކަންވަނީ އުފެދިފަ އެވެ.
ޓްރަމްޕް ވިޔަފާރީގެ މަޝްވަރާތަކަށް ޖަޕާނަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ