އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޕަވާ ސްޓޭޝަނަށް ފެނަކައިން މި ފަހުން ގަތް ޖަނަރޭޓަރުތައް ގެންގޮސްގެން ކަރަންޓު ދޭން ފެށުމާ ގުޅިގެން ކަރަންޓު ނުކެނޑޭތާ ދުވަސްތަކެއް ވީފަހުން ރޭ ދަންވަރު އަނެއްކާ ވެސް އެ ހުރިހާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ކަރަންޓު ކެނޑުނީ ގަޑިއެއްހާއިރަށް ކަމަށެވެ. ނަމަވެސް ކަރަންޓު ދާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭ ދަންވަރު 2:00 ހާއިރު ނިދާފައި ތިއްބާ ގަޑިއެއްހާއިރަށް ކަރަންޓު ކެނޑުނީ، އެ ގަޑީގައި އެއްވެސް މީހަކަށް ނުގުޅޭ، އެހެންވެ ނޭނގެ ކީއްވެ ކަމެއް ކަރަންޓު ދިޔައީ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ތަހުގީގު ކުރުމަށް އަދަދު އިން ކުރި މަސައްކަތުން ވަނީ އައްޑޫ ހިމެނޭހެން ރާއްޖޭގެ ތަފާތު އެކި ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނެސްފައި ހުރީ ބާ ޖެނެރޭޓަރުތަކެއްކަން އެނގިފަ އެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ވެސް މިހައިތަނަށް ފެނަކައިން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އައްޑޫގެ ކަރަންޓު މައްސަލައިގައި އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޕަވާ ސްޓޭޝަނުގައި ހުރި އިންޖީނުތަކުގެ ކެޕޭސިޓީއަކީ 23 މެގަވޮޓެވެ. މިއީ އައްޑޫއަށް ބޭނުންވާ 12.1 މެގަވޮޓަށް ވުރެ ބޮޑު އަދަދެކެވެ. އެކަމަކު އެފިޝަންސީ ދަށްކަމުން އެ އިންޖީނުތަކުން އުފެއްދެނީ 11.2 މެގަވޮޓެވެ.
އެ އިންޖީނުގޭގައި މަސައްކަތް ކުރާ އިންޖިނޭރުންނާ ހަވާލާދީ އޮޑިޓަރުން ބުނީ މިހެން ދިމާ ވަނީ އިންޖީނުތައް ގަވާއިދުން މެއިންޓެއިންކޮށް، އޯވާހޯލް ކުރަމުން ގޮސްފައި ނުވުމުންނާއި އިންޖީނުތައް ބަހައްޓާފައި ހުރި ތަންތަނުގެ ސަބަބުން އެކަށީގެންވާ ވަރަށް ވެންޓިލޭޝަން ނެތުމުންނާއި ބޭނުންކުރާ ޑީސަލްގެ ކޮލިޓީ ޓެސްޓުކުރަމުން ނުދާތީ ކަމަށެވެ.
އައްޑޫއިން އަނެއްކާ ވެސް ރޭ ދަންވަރު ކަރަންޓު ކެނޑިއްޖެ އައްޑޫއިން އަނެއްކާ ވެސް ރޭ ދަންވަރު ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ