މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެވެނީ މިއަދު ހެނދުނާއި މެންދުރެވެ.
ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވެނީ ބޮޑުރަސްގެފާނު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، އެނބޫ ގޯޅި، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު، މަދޮށި ގޯޅި، ނިކަގަސް ހިނގުން، ނިކަގަސް މަގު އަދި ރަނައުރާ ގޯޅި ހިމެނޭ ސަރަޙައްދުންނެވެ.
މެންދުރު 14:00 އާއި 14:40 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވެނީ އައިމިނާރަނި ހިނގުން، އަމީނީ މަގު، ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، ބުރުޒު މަގު، ރަށްދެބައި ހިނގުން އަދި ސިއްތިމާވާ ހިނގުން ހިމެނޭ ސަރަޙައްދުންނެވެ.
މިދިޔަ އޮގަސްޓް 14، ވީ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، އޮގަސްޓް 9، ވީ ހޮނިހިރު ދުވަހު މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ.
މީގެއިތުރުން ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ދުރާލައި އެންގުމަށްފަހު އޮގަސްޓް 23، ގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހެނދުނު 06:00 އިން 10:00 އަށް ކަރަންޓު ކެނޑި އެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ޖޫން 1، ގައި ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑުނުއިރު، މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ.
ޖޫން 1، ގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓާއި މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނު ފަހުން މި ހިނގައިދިޔަ 34 ދުވަސް ތެރޭގައި މާލެ/ހުޅުމާލެ އިން 24 ދުވަހު ކަރަންޓު ކެނޑުނުކަން ސްޓެލްކޯއިން އާންމު ކުރި މައުލޫމާތުތަކުން އެނގެ އެވެ.
މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކަރަންޓު ކެނޑޭ މައްސަލައިގައި މި ނޫހުން ސްޓެލްކޯގެ ބައެއް ވެރިންނާއި، ކަމުގެ މައުލޫމާތު އެނގޭ މި ސަރުކާރުގެ ބައެއް ވެރިންނާއި މާހިރުންނާ ވާހަކަ ދެކެވުނެވެ. އެ އެންމެން ވެސް ބުނަނީ ކަރަންޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ބަރާބަރަށް ނޭޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ