ދުނިޔޭގައި އަހުރެމެންނަށް އޮތީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވުމެވެ. އަދި ދެއްވެވި ކަންކަމަށްވެސް ޝުކުރުވެރިވުމެވެ. އެއިގެ ތެރޭގައި ޙަޔާތަށް ދެއްވަވާ ބައިވެރިޔާވެސް ހިމެނެއެވެ. ކޮންމެ މީހަކަށް އެމީހަކު އެންމެ ބޭނުންވާ ނުވަތަ އެންމެ ލޯބިވާ މީހާ ބައިވެރިއަކަށް ނުދެއްވަވައިފާނެއެވެ. އެއީ ކަންބޮދުވާންޖެހެންވީ ކަމެއް ނޫނެވެ. ޔަޤީންކުރަންވީ އެކަން އެގޮތަށް މެދުވެރިކުރައްވަވާނީވެސް ތިމާއަށް ފައިދާއަކަށް ކަމެވެ.
ތިރީގައިވާ ލިޔުމަކީ ލޯބިވެރިޔާ ނުލިބުމުން ލިބޭ މާޔޫސްކަމުގެ ސަބަބުން ދުނިޔޭގެ ޙަޔާތްމަތިން ފޫހިވެ ދުނިޔެއާއި ވަކިޥާން ވިސްނާ ކޮންމެ މީހަކަށްވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާނެ ލިޔުމެކެވެ.
އެކުވެރިޔާއެވެ. ކުރިމަތިވެގެން ތިއައުޅޭ ހިތާމަތަކަށް ކެއްކޮށްލަން އުނދަގޫވަނީ ހެއްޔެވެ؟
ތިއަ ބޭނުންވެގެން އުޅޭ ކަންތައް ހާސިލް ނުވެއްޖެނަމަ ދުނިޔޭގައި އުޅޭހިތްވެސް ނުވާނީ ހެއްޔެވެ؟
އެކުވެރިޔާއެވެ! ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ ހިތާމަތަކަށް ކެތްނުކުރެވިގެން އަމިއްލަ ނަފްސު އަމިއްލަ އަތުން ގަތުލް ކޮއްލީމައި ހިތާމަތަކުން މިންޖުވާނެ ހެއްޔެވެ؟
އެކުވެރިޔާއެވެ! ދަންނާށެވެ! މަރުވުމަށް ފަހު ދެން ބައްދަލު ވާނެ ހަޔާތަކީ ނިމުމެއް ނުވާނެހަޔާތެކެވެ. ހިތާމަތަކަށް ކެތް ނުކުރެވިގެންވެސް ތިޔަ ދެވެނީ ﷲ ތަޢާލާގެ ހަޟްރަށެވެ.
ދުނިޔޭގައި ތިބާ އުޅެމުން ދާއިރު އެކަލާންގެ ތިބާއާއި މެދު އޯގާތެރިވަންތަކަން ނިކަން ތިޔަ ސިކުނޑިން ވިސްނާ ފިކުރު ހިންގާލައިބަލާށެވެ! ތިބާގެ ކިބައިގައި ހުރި އުނި ކަންތައްތަކާއި ކުރެވޭ ފާފަތަކާއިއެކުވެސް އެކަލާނގެ ދީލަތިވަންތަކަން ބޮޑުކަމުން ތިބާއަށް ދެއްވެވި ނިޢުމަތްތަކުގެ މަތިން މިއަދު ހަނދާންވެސް ނުކުރަނީހެއްޔެވެ؟
މައިމީހާގެ ބަނޑުތެރޭ އެ އަނދިރީގައި ތިބާގެ އެއްވެސް އާރެއް ބާރެއް ނެތް ދުވަހުވެސް އެކަލާނގެ ތިބާ ރައްކާތެރި ކުރެއްވެވި އެވެ. ތިބާއަށް ރިޒުގުގެ ގޮތުގައި ތަފާތު އެއްޗެހި ލައްވަވައި އެތަކެތިން ތިބާއަށް މިންވަރު ކުރެއްވެވި އެއްޗެއް ތިބާއަށް ނުލިބޭ ހެއްޔެވެ. ތިބާއަށ ފުދިއިތުރުނުވޭހެއްޔެވެ؟ އުފަންވުމުން ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަން ހިންމަވައިދެއްވަވައި ތިބާއަށް ދިރިއުޅެވޭނެ މަގުފަހިކޮށް ނުދެއްވަވާހެއްޔެވެ؟
މިހެންކަމުން އަބަދުވެސް ތިބާއާއި އެންމެ ގާތުގައިވަނީ ތިބާ ހެއްދެވި ފަރާތްކަން ހަނދުމަކޮށް އެކަލާނގެ މިންވަރު ފުޅަށް ރުހޭށެވެ! ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! ނުދެއްވެވި ކަމެއް ނުދެއްވެވީ ހަމަ ތިމާގެ ފައިދާއަށްކަން ޤަބޫލުކުރާށެވެ!
ތިޔަ ހަށިގަނޑުގެ އެތެރޭގެ ނިޒާމްތައް ހިނގާގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހިތުގައި ޖަހާ ވިންދުވެސް ދެނެވޮޑިގެންވެއެވެ. ވީ އިރު ތިބާއަށް ތިޔަ ޖެހިގެން އުޅޭ ހިތާމަތަކާއި ތިބާގެ ހިތަށް އެކަމުން ކުރާނެ އަސަރު އެކަލާނގެ ދެނެވޮޑިގެން ނުވާނީ ހެއްޔެވެ!
ވީމާ ﷲ ތަޢާލާ ދެއްވަވާ ރަޙްމަތްތަކަށް އެކަލާނގެ އަމުރުފުޅާ ދެކޮޅުހަދައި އެއްވެސް ކަމެއް ނުކުރާށެވެ! ތިބާއަށް ﷲ ތަޢާލާ ދެއްވަވާ ގިނަގުނަ ރަޙްމަތަށް ވިސްނައި ތިޔަ އަގުހުރި ނަފުސު އަމިއްލަ އަތުން ގަތުލްކޮށް ނުލައި އެކަލާނގެ އަށް ވަކީލު ކުރުމުގައި ދެމިހުންނާށެވެ. ނުލިބިގެން ތިއައުޅެނީ ތިބާ ބޭނުންވާ އެންމެ ކަމަކަށްވެދާނެއެވެ. ދެއްވެވި ނިޢުމަތްތައް ގުނައި ޢަދަދުވެސް ނުކުރެވޭނެ ނޫންހެއްޔެވެ؟
އެކަމުގައި ހެވެއް އޮވެގެން މެނުވީ ހިތާމައެއް ކުރިމަތި ނުވާނެކަން ދަންނާށެވެ. ދެރަވެ މާޔޫސްވާ ކޮންމެ ހިނދަކު އެކަލާނގެ މަތިން ހަނދުމަކޮށް ތިބާއަށް ވުރެ މާ ނިކަމެތި ހާލުގައި އުޅެމުންދާ އިންސާނުން މަތިން ހިތަށް އަރުވައިލާށެވެ. ﷲ ހަޟްރަތުގައި އެއްވެސް އަޅަކު ތަފާތު ނުކުރައްވައެވެ. ތަފާތުވެގެންދާނެ ސަބަބަކަށްވާނީ ތިބާގެ އަތުން ތިޔަ ކުރެވޭ އަމަލެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ތިބާ ބޭނުންވާ އެންމެ ކަމެއް ޙާޞިލުނުކުރެވުނީމަ ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގަ އެކަލާނގެ ޙަޟްރަތަށް ދިއައިމަ ވާނީ ކިހިނެއްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ