މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަނެއްގައި 151 ނޫސްވެރިއަކު ސޮއިކޮށް، އެ ޕެޓިޝަން މިއަދު ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ އެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ ވެސް އެ ބިލު ބޭރުކޮށްލަން ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ވަގުތު އޮތް އެ ބިލު ފާސްނުކޮށް އަނބުރާ ފޮނުވައިލުމަށް ގޮވާލާ ޕެޓިޝަން މަޖިލީހާއި ރައީސް އޮފީހަށް ހުށަހެޅީ މިއަދު މެންދުރުފަހު 1 ޖަހާކަށް ހާއިރެވެ.
ތަފްސީލް - އެ ޕެޓިޝަނުގައި ބުނެފައިވަނީ އެ ބިލު ފަރުމާ ކުރުމުގައި ނޫސްވެރިންނާއި އާންމުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާޖަމާއަތްތަކުގެ މަޝްވަރާ އެއްވެސް ވަރަކަށް ހޯދާފައިނުވާ ކަމަށެވެ.
އޭގެ އިތުރަށް ޕެޓިޝަނުގައި ބުނެފައިވަނީ:
ބިލު ފަރުމާކޮށްފައިވަނީ ނޫސްެރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށް
ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް
ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށް
މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ސްޕޮންސާކޮށްދިނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.
ފާހަގަކޮށްލެވޭ ކަމެއް - 'މީޑިއާ ކޮންޓްރޯލް ބިލު'އާ ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. އަދި މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ބަލައިގަތުމުން އެ ކަމުގެ ނުރުހުން ވެސް ވަރަށް ބޮޑަށް ފާޅުކުރި އެވެ. އެ ގޮތުން:
މިދިޔަ އާދީއްތަ ދުވަހު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމިޓީގައި ފާހަގަކުރި
މިދިޔަ ހޯމަ ދުވަހު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރިއިރު އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލުމަށް ގޮވާލާފައި
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ބިލު ގެންދިޔައީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.
ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެއާއި ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކޮށްފަ އެވެ. ނޫސްވެރިންގެ ޕްރެޝަރުތަކާ އެކު މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ސީނިއާ ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ.
ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ވިދާޅުވި އެވެ.
151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަން މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ