މީޑިއާ ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަން މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅައިފި
މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ވަގުތު އޮތް އެ ބިލު ފާސްނުކޮށް އަނބުރާ ފޮނުވައިލުމަށް ގޮވާލާ ޕެޓިޝަން މަޖިލީހާއި ރައީސް އޮފީހަށް ހުށަހެޅީ މިއަދު މެންދުރުފަހު 1 ޖަހާކަށް ހާއިރެވެ.ޕެޓިޝަންގައިވާ ގޮތުން، އެ ބިލުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނުން މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ލައިސަންސް ހިފެެހެއްޓުމުގެ ބާރު ދީފައި އޮތުމުގެ ސަބަބުން މީޑިއާތަކަށް ޓާގެޓްކޮށް ވަކި މުއްދަތެއް ނެތް ގޮތަށް މީޑިއާ އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ ފުރުސަތު ވެސް އެ ބިލުން ނޫސްވެރިންނަށް ހަނިވާނެ ކަމަށް ޕެޓިޝަންގައިވެ އެވެ.ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލު ކުރުމަކީ މީޑިއާގެ މިނިވަންކަން ގެއްލި، މިނިވަން ނޫސްވެރިކަން ހީނާރުވެގެންދާނެ ކަމެއް ކަމަށް ވެސް ނޫސްވެރިންގެ ޕެޓިޝަނުގައިވެ އެވެ.އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން އެ ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް އެ ޕެޓިޝަންގައިވެ އެވެ.ޕެޓިޝަނުގައިވަނީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ތެރެއިން ހައްގެއް ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން އަދި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓި ދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަމަށެވެ. އެހެންވެ، އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެެ ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.151 ނޫސްވެރިއަކު ސޮއިކުރި މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ސްޕޮންސާކޮށްދިނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.އެ ބިލު ބޭރުކޮށްލަން ރާއްޖޭގެ ނޫސްވެރިންނާއި ޖަމިއްޔާތަކުން އަދި ސިޔާސީ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ