ބްރެޒިލްގެ ކުރީގެ ރައީސް ޖައީރް ބޮލްސޮނާރޯއަށް 2030 ވަނަ އަހަރާއިޖެހެންދެން އިންތިހާބުތަކުގައި ވާދަނުކުރެވޭނެކަމަށް އެ ގައުމުގެ އިންތިހާބީ ކަންކަން ބަލަހައްޓާ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.
ބައިންލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ބްރެޒިލްގެ ކުރީގެ ރައީސްގެ މަގާމު އަދާކުރައްވާފައިވާ ބޮލްސޮނާރޯއަށް 2030 ވަނަ އަހަރާއި ޖެހެންދެން ވާދަ ނުކުރެވޭނެކަމަށް ނިންމާފައިވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި އެންމެ ފަހުން ބޭއްވުނު އިންތިހާބުގައި އެ ގައުމުގެ ރަސްމީ މީޑިއާގެ ބޭނުން ނަމަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައަކާއި ގުޅިގެންނެވެ. އެ ގައުމުގެ އެންމެ މަތީ އިންތިހާބީ ކޯޓުން މި ނިންމުން ނިންމާފައިވަނީ ބެންޗުގައި ތިއްބެވި 5 ގާޒީއަކަށް ކުށް ސާބިތުވާކަމަށް ފެނުމާއިއެކުއެވެ. މި މައްސަލަ ކުރިއަށް ގެންދިޔައީ ޖުމުލަކޮށް 7 ގާޒީއަކު ހާޒިރުވެތިއްބަވައިގެންނެވެ.
މި ކަމުގެ ސަބަބުން އޭނާ އަށް 2026 ވަނަ އަހަރުގެ ތެރޭގައި ވެރިކަމާއި ހިސާބަށް ވާސިލުނުވެވޭނެކަން ކަށަވަރުވެގެންދެއެވެ. އޭނާއަށް ކުރިއަށް އޮތް 8 އަހަރު ދުވަހު އެއްވެސް އިންތިހާބެއްގައި ބައިވެރިނުވެވޭނެ ގޮތަށް ނިންމި ނިންމުމާއި ދެކޮޅަށް ދެ ގާޒީއަކު ވަނީ ވޯޓު ދީފައެވެ.
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯއަށް މި ދަތުރާއި ކުރިމަތިލާންޖެހިފައިވަނީ ބޭރު ގައުމުތަކެއްގެ ސަފީރުންތަކަކަކާއިއެކު 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ބައްދަލުމެއްގެ ސަބަބުންނެވެ. ތުހުމަތުކޮށްފައިވާގޮތުން، އޭނާވަނީ މި ބައްދަލުވުމުގައި އެ ގައުމުގެ އިންތިހާބީ ކަންކަމާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކައި އެ ނިޒާމުގެ އަގުވެއްޓިގެންދާފަދަ ގޮތަކަށް އަމަލު ކޮށްފައެވެ. އެކަންކޮށްފައިވަނީ އެ ގައުމުގައި މިދިޔަ އަހަރު ބޭއްވި އިންތިހާބެއްގެ ކުރިންނެވެ. މި ބައްދަލުވުންވަނީ އެ ގައުމުގެ ރަސްމީ ޓިވީ ޗެނަލްތަކުންނާއި ޔޫޓިއުބުންވެސް ވަގުތުން ގެނެސްދީފައެވެ.
އެހެންނަމަވެސް ޔޫޓިއުބުންވަނީ އެ އެޕްލިކޭޝަންގެ ތެރޭގައި ހަގީގަތާއި ހިލާފު ހަބަރު ފެތުރުން ހުއްޓުވުމުގެ ގޮތުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ ބައްދަލުވުމުގެ ވީޑިއޯ ނަގާލާފައެވެ. ބޮލްސޮނާރޯގެ މައްސަލަ ކުރިއަށް ގެންދިޔަ އިރު އިސްކޮށް ހުންނެވި ގާޒީއަކުވަނީ ޑިމޮކްރެސީއަށް ކުރަމުންދާ އިތުބާރު އަލުން އާކުރުމަށާއި ގާނޫނަށް ކުރަމުންދާ އިތުބާރު އާކުރުމަށް އިލްތިމާޒްުކުރައްވާފައެވެ. އޭނާ މިފަދައިން ވިދާޅުވީ، ބޮލްސޮނާރޯއަށް އިންތިހާބުގައި ބައިވެރިނުވެވޭނެކަމަށް ވޯޓު ދެއްވުމަށްފަހުކަމަށް ރިޕޯޓުތަކުގައިވެއެވެ.
އޭނާ ވިދާޅުވެފައިވާގޮތުން، ބްރެޒިލްގެ ކަމާއިބެހޭ ފަރާތްތަކުން އެފަދަ ހަރުކަށި އަދި ގެއްލުންދެނިވި އަމަލުތަކަށް ޖާގަ ނުދޭނެކަން އެ ނިންމުމުން ފެނިގެންދާނެއެވެ.
އިންތިހާބުތަކުގައި ވާދަކުރުމުން އެކަހެރި ކުރެވިފައިވާ ބޮލްސޮނާރޯވަނީ ކުށެއް ކުރިކަމަށް ދެކޮޅު ހަދާފައެވެ. އޭނާވަނީ އެ ގައުމުގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަރިވިއުއެއްގައި އެ ތުހުމަތުތައް ދޮގުކުރާކަން އަދި އެ ނިންމުން އިސްތިއުނާފުކުރާނެކަން ފާހަގަކުރައްވާފައެވެ.
އެ ގައުމުގައި ގިނަ ދުވަސްތަކެއް ހިދުމަތްކުރައްވާފައިވާ ބޮލްސޮނާރޯއަށް އެންމެ ފަހުގެ އިންތިހާބުން ނާކާމިޔާބީ ލިބިގެންދިޔައީ ކުޑަ ތަފާތަކުންނެވެ. އެ ގައުމުގައި ތިބި ރައްޔިތުންގެ ތެރެއިން އޭނާއަށް ތާއީދުކުރައްވާ މީހުންވަނީ އިންތިހާބުގެ ނަތީޖާއާއިމެދު ސުވާލު އުފައްދައި ނުރުހުން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުންވަނީ އެ ގައުމުގެ ސަރުކާރުގެ އިމާރާތްތަކަށްވަދެ އެކި ވަރުގެ ގެއްލުންތައްވެސް ދީފައެވެ.
ބޮލްސޮނާރޯ އާއި ދެކޮލަށް މައްސަލަ ހުށައެޅީ އެ ގައުމުގެ ޑިމޮކްރެޓިކް ލޭބާރ ޕާޓީއިންނެވެ. އޭނާގެ އިތުރުން ރަނިންގް މޭޓުގެ ގޮތުގައި ހުރި ވޮލްޓާ ބްރާގާ ނެއްޓޯގެ މައްޗަށްވެސް ދައުވާތައް ކުރެވުނު އިރު ބެންޗުގައި ތިއްބެވި ގާޒީންގެ އަގުލަބިއްޔަތުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ.
މައްސަލައިގެ ފެށުންކަމަށް ގަބޫލުކުރާ ބައްދަލުވުމުގައި ބޮލްސޮނާރޯވަނީ އެ ގައުމުގެ 2022 ވަނަ އަހަރުގެ އިންތިހާބު ނަތީޖާގެ ސައްހަ ކަމާއިމެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ވަގު ހެދުމުގެ ސަބަބުން ނަތީޖާއަށް ބަދަލުތަކެއް އައިސްފައިވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ އިންތިހާބެއްގައި ބޭނުންކުރި ވޯޓުލާ މެޝިނުތަކުގެ ސަބަބުން ވޯޓުތައް ބަދަލުވެފައިވާކަމަށާއި އެކަން ކޮށްފައިވަނީ އޭނާއާއި ވާދަކުރި މިހާރުގެ ރައީސްއަށް އިންތިހާބު ކާމިޔާބު ކުރުމަށް މަގުފަހި ކުރުމަށްކަމަށްވެސް ތުހުމަތުކުރިއެވެ.
އޭނަވޏި އެ މެޝިނުތައް އޮޑިޓު ނުކުރެވޭކަމަށް ފާހަގަކޮށްފައެވެ. އަދި އިންތިހާބީ ކަންކަމާއި ބެހޭ ވުޒާރާތަކުގެ އިސްވެރިން ތިއްބެވީ ”ޓެރަރިސްޓުން“ ހިމާޔަތްކޮށްގެންކަމަށްވެސް ބުނެފައިވެއެވެ. ބޮލްސަނާރޯ އާއި ދެކޮޅަށް ނިމިގެންދިޔަ މި މައްސަލައަކީ އޭނާއާއި ދެކޮޅަށް ހުށައެޅިފައިވާ އެތައް މައްސަލައަކުން އެއް މައްސަލައެވެެ.
ބްރެޒިލްގެ ކުރީގެ ރައީސްއަށް 2030 އާއި ޖެހެންދެން އިންތިހާބުގައި ބައިވެރިނުވެވޭނެކަމަށް ކޯޓުން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ