ތޫފާން ހަގުޕިޓްގެ ސަބަބުން ފިލިޕީންސްގެ އެތަށް ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފި

ތޫފާން ހަގުޕިޓް ގެ ސަބަބުން ފިލިޕީންސް ކުއްލި ހާލަތަށް ގެނެސް، އެތަށް ހާސް ރައްޔިތުން ފިލިޕީންސްގެ އައްސޭރި ސަރަހައްދުތައް ދޫކޮށްފި އެވެ.
ސުޕަރ ތޫފާނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަގުޕިޓް ފިލިޕީންސްގެ ސަމާރ އައިލަންޑަށް މިރޭގެ ވަގުތެއްގައި ޖައްސާނޭ ކަމަށް މީޓީއޮރޮލޮޖިސްޓުން ލާފާކުރެ އެވެ.
މި ތޫފާނުގައި ގަޑިއަކު 115 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ފިލިޕީންސްގެ ބޮޑު ބަޔަކަށް އޭގެން އަސަރުކުރާނޭ ކަމަށްވެސް މީޓީއޮރޮލޮޖިސްޓުން ބުނެފައިވެ އެވެ. އަދި، ތޫފާން ހަގުޕިޓަކީ ލަހުން ދަތުރުކުރާ ތޫފާނެއް ކަމަށާއި އޭގެ ސަބަބުން ތޫފާން ޖައްސާ ކޮންމެ ސަރަހައްދަކަށް ގިނަ އިރުވަންދެން ބޯކޮށް ވާރޭވެހޭނެ ކަމަށް މީޓީއޮރޮލޮޖިސްޓުން ބުނެ އެވެ. ވާރޭ ވެހޭ ގަޑީގައި ރާޅުތައް 15 ފޫޓަށް އުފުލޭނެ ކަމަށް ސަރުކާރުން ބުނެ، މަސްވެރިންނަށާއި އައްސޭރިފަށުގައި އުޅޭ މީހުން ސަލާމަތްހޯދުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފިލިޕީންސްގެ ސޯޝަލް ވެލްފެއަރގެ ސެކެޓްރީ ޑިންކީ ސޮލިމަން އިއްޔެ މައުލޫމާތު ދިން ގޮތުގައި ގާތްގަނޑަކަށް ފަސް ލައްކަ މީހުން އައްްސޭރިފަށުގެ ހިސާބުތަކުން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައިވާ ކަމަށާއި އިތުރު މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތޫފާން ހަގުޕިޓްގެ އަސަރު ފިލިޕީންސްގެ އައްސޭރި ސަރަހައްދަށް ކުރާނޭ ކަމަށް ލަފާކޮށްފައިވާ އިރު، ފިލިޕީންސްގެ ވެރިރަށް މެނީލާއަށް ތޫފާނުގެ އަސަރުކޮށްފާނޭ ކަމަށް ބެލެވޭ ކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ