މަޖިލީހުގެ ނިންމުން ބަދަލު ކުރެވޭނީ ކޯޓުތަކަށް: ގާސިމް

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އާއި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރުމަށް، މަޖިލީހުން ނިންމި ނިންމުން ބަދަލުކުރުމުގެ ބާރު އޮތީ ޝަރުޢީ ކޯޓުތަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު މަޖިލިސް އިދާރާގެ ބޭރުގައި، މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީން ނެރުއްވާފައިވަނީ ފްރީ ވިޕެއްކަމަށާއި، ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ވޯޓު ދެއްވާފައިވަނީ އަމިއްލަ ނިންމެވުމުގެ މައްޗަށް އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އެމަނިކުފާނު ވޯޓު ދެއްވީ ފަނޑިޔާރުން ވަކިނުކުރަންކަމަށާއި، އެމަނިކުފާނާއި އެއްވިސްނުމެއްގައި ވޯޓުދެއްވި ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބެވި ކަމަށާއި، ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ އެޕާޓީގެ މެންބަރުންވެސް ތިއްބެވި ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އިއްޔެ މަޖިލީހުން ނިންމި ނިންމުން ބަދަލުކުރެވޭނީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ކަމަށްވީއިރު، މިހާރު އެމައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔުމަށް ބަލާއިރު އެކޯޓުގެ މަސްލަހަތު މިމައްސަލާގައި ހިމެނިގެންވާކަމަށް ޤަބޫލު ކުރައްވާކަމަށާއި، ހައިކޯޓުން މިމައްސަލަ ބެލެންޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ