ތިމަރަފުށި ތަރައްޤީ ކުރުމަށް އެންމެ އެކަށީގެންވާ ބަޔަކީ ތިމަރަފުށީ ރައްޔިތުން - ނަޝީދު

ތިމަރަފުށީގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ބަޔަކީ ތިމަރަފުށީ ރައްޔިތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓީކެޓްގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު މުސްތަފާގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތިމަރަފުށި ނިސްބަތްވާ ކޮޅުމަޑުލުގެ ރައްޔިތުންގެ ހުނަރާއި އެކުގައި އެ އަތޮޅު ތަރައްޤީ ކުރެވޭނެ ކަމަށެވެ.
"ކޮޅުމަޑުލުގައި ހުރި މުއްސަނދިކަމާއި، އެ ރައްޔިތުންގެ ހުނަރާއި އެކީގައި އެ އަތޮޅު ތަރައްޤީ ކުރެވިދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކެއް އޮތް ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ރަށު ކައުންސިލަކުން އާމްދަނީ ހޯދުމަށް ފަޅު ރަށެއް ލިބޭނޭ ގޮތް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ތިމަރަފުށްޓާއި، އެ ރަށުގެ ވަށައިގެން ހުރި އެހެން ރަށްތަކަކީ ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަށް ފައްކާވެފައި ހުރި ރަށްތަކެއް ކަމަށެވެ.
"ދުވާލަކު ހަތަރު ފަހަރު އެތަނުގެ އެއާޕޯޓަށް މަތިންދާބޯޓު އެބަ ޖައްސާ. އެހެންވީމާ، އެފަދަ ރީތި ރަށްރަށް އެއީ އަޅުގަނޑުމެންނަށް ގެސްޓް ހައުސްގެ ވިޔަފާރި ރަނގަޅު ގޮތުގައި ކުރެވެން އޮންނަ ރަށްރަށް." ނަޝީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ތިމަރަފުށީ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު މުސްތަފާ ވިދާޅުވީ، ތިމަރަފުށީ ދާއިރާއަށް ސަލާމަތާއި، ތަހުޒީބާއި ތަރައްޤީ ލިބޭނީ އެމްޑީޕީގެ ފަރާތުން ކަމަށެވެ. މުސްތަފާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ބަހައްޓައިގެން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުވާނީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ