އަބްދުﷲ ޝާހިދަށް ޖޭއެސްސީން ރައްދުދެއްވައިފި

ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ކޮމިޝަނުން އެކި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ކޯޓުތަކަށް ސިޓީ ފޮނުވުމުގެ ބާރު ކޮމިޝަންގެ ރައީސަށާއި ސެކްރެޓަރީ ޖެނެރަލް އަށް ދިނުމަށް ފާސްކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން އެގޮތަށް ބުނެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލަ އަވަސް ކޮށްދިނުމަށް ޖޭއެސްސީން އެ ކޯޓުގައި އެދިފައި ވަނީ ކޮމިޝަންގައި މަޝްވަރާ ކުރުމެއް ނެތިކަމަށް ބުނެ އެ ކޮމިޝަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސިޓީއެއް ފޮނުއްވާފައި ވާތީ އެކަމަށް ރައްދުދެއްވައި އެމަނިކުފާނަށް ފޮނުވި ސިޓީއެއްގަ އެވެ.
އެ ސިޓީގެ ކޮޕީއާ އެކު މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ކޯޓުތަކަށް ސިޓީ ފޮނުވުމުގެ ބާރު ކޮމިޝަންގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް އަށް ދިނުމަށް މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ކޮޕީއެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ މީޑިއާތަކަށް ފޮނުވާފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ސޮއިކުރައްވައި އަބްދުﷲ ޝާހިދަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަންގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސްކޮށްދިނުމަށް މީގެކުރިން ވެސް އެ ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ކޮމިޝަންގެ އެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިޝަންގެ މެންބަރުންނާ ހަވާލުކުރާނީވެސް ކޮމިޝަންގެ ރައީސް ކަމަށް ބުނެފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި ކޮމިޝަންގެ ރައީސް ކޮމިޝަންގެ ނާއިބް ރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އޭނާ އަދާކުރަންޖެހޭނެ ކަމަށް އެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ކަނޑައެޅި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެކަންކަން އެގޮތަށް ހުރި އިރު އެކަމަށް ރިއާޔަތްކުރެއްވުމެއްނެތި އަބްދުﷲ ޝާހިދު އެފަދަ ސިޓީއެއް ފޮނުއްވާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ