ރައީސް އަބުދުﷲ ޔާމީން ބޭނުންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަވަހާރަކޮށްލަންކަން ގާސިމްގެ މައްސަލައާއި ގުޅޭގޮތުން އަމަލުކުރާގޮތުން ހާމަވާކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އައިޖީއެމް ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކުރުމާއި ގުޅިގެންނެވެ.
އަމީން ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން ބޭނުންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަވަހާރަކޮށްލަންކަމަށާ ޑޮކްޓަރުން ތަކުރާރުކޮށް ރާއްޖެއިން ބޭރަށްގޮސް ފަރުވާ ހޯދުމަށް އަންގަމުންދާއިރު އެކަމަށް ހުރަސްއެޅުމުން ދޭހަވަނީ އެގޮތަށްކަމަށެވެ.
އަމީން ވިދާޅުވީ ރައީސް ޔާމީން ސިޔާސީ ލީޑަރުންގެ ދުވަސް ދުއްވާލުމަށް ހިންގާ ޖަރީމާތަކުގައި ބައެއް ފަނޑިޔާރުންވެސް ދަނީ ބައިވެރިވަމުންކަމަށެވެ. އަދި އެކަން ރައްޔިތުން ދަންނާނެކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރަށް އަމީން ވަނީ ރައީސް ޔާމީން ހައްޖަށް ވަޑައިގެންނެވުމުގެ ކުރިން ގުރޫޕް ކުދިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި އޮތީ ގާސިމަށް ހުކުމްކުރުންތޯވެސް ސުވާލުކުރައްވާފައެވެ.
ގާސިމް އިބްރާހިމަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތްކަމަށާއި ފަރުވާ ހޯދުމަށް ވަގުތުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި އެފަރުވާ ލިބުން ލަސްވެއްޖެނަމަ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެދާނެކަމަށް ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެ މިއަދުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު ގާސިމް ބެއްލެވި އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރު އަލީ ޝަފީގު ވިދާޅުވީ ގާސިމަށް ހިތުގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށެވެ.
އަދި މިއަދު ގާސިމް ކޯޓްގައި ހުންނަވަނިކޮށް ވެއްޓިވަޑައިގެންފައިވަނީ އެކަށިގެންވާ މިންވަރަށް ސިކުޑިއަށް އޮކްސިޖަން ފޯރުކޮށް ނުދެވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ. އަދި ހިތުގެ ވިންދު އަވަސްވުމާއި، އިތުރު ވިންދަށް ބަދަލު އައުމާއި ގުޅިގެން މިކަމަށް ޓެސްޓްތައް ހަދާ އަވަހަށް ފަރުވާ ނުދެވިއްޖެނަމަ ފުނާރައަށް ނުރައްކާވެދާނެ ކަމަށްވެސް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
ގާސިމަށް ފަރުވާ ދިނުމަށްޓަކައި އީ.ޕީ.އޭ އާއި އާރު.އެފް.ޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށާ މިއީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަންތަކަކަށް ނުވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ.
އަދި މީގެ ކުރިންވެސް ގާސިމްގެ ސިއްހީ ހާލުކޮޅު ދަށްވެގެން އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު ފަހަރު ހިތުގެ އޮޕަރޭޝަން ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާ ދެއްވާފައިވާނެކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
އޮޕަރޭޝަންތަކެއް ކުރަން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގާސިމަށް އައިޖީއެމުއެޗުން އަންގާފައިވާ އިރު މީގެ ކުރިން ގާސިމްގެ ހިތްޕުޅުގެ ސްކޭނެއް ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އޭޑީކޭއިން ވެސް ވަނީ އަންގާފައެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވާތީ ފުރާވަޑައިގެންނެވޭނެ ގޮތް ވަނީ ނުވެފައެވެ.
ޔާމީން ބޭނުންވަނީ ގާސިމް އަވަހާރަކޮށްލަން: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ