މެމްބަރު އިބްރާހިމް ދީދީ މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި އޭރުގެ ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ލިޔެކިއުންތަކާއި ހަވާލުވުމަށް މާދަމާ ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
އެ މައްސަލާގައި އިބްރާހީމް ދީދީގެ މައްޗަށް ކުރާ ދައުވާ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކުރިން ވެސް އެ ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގޮސްފައިވަނިކޮށް މައްސަލަ އަނބުރާ ގެންދިޔައީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ކުރީގެ ކާނަލް މުހައްމަދު ޒިޔާދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރި ދައުވާ ކާމިޔާބު ނުވުމުންނެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު އިބްރާހީމް ދީދީ ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.
އިބްރާހީމް ދީދީ ވަނީ ކުރިން އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެ މައްސަލަ އަނބުރާ ގެންދިޔައީ ބަލި ހާލަތު ހުރި ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމާ ގުޅިގެން އިތުރަށް ކުރިއަށް ނުގެންދެވިފައި އޮއްވައެވެ.
އިބްރާހިމް ދީދީއަކީ 1988 ގެ ނޮވެމްބަރު ތިނެއްގައި ދިވެހިންތަކަކާއި ގުޅިގެން ތަމަޅައިން މާލެ އަރާ ދިން ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅައެވެ.
ނޮވެމްބަރު ތިން ވަނަ ދުވަހު ތަމަޅައިން ދިން ހަމަލާގައި ސިފައިންގެއިން ވަޒަން ހުސްވަމުން ދަނިކޮށް އޭރު ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި އޮތް ކިނބިގަސްދޮށުގެއިން ތަޅުދަނޑި ސިފައިންގެއަށް ގެންގޮސްދިނީ އިބްރާހީމް ދީދީއެވެ.
ކޯޕްރަލްއެއްގެ މަގާމުގައި އޭރު ހުންނެވި އިބްރާހީމް ދީދީ ހުންނެވީ އޭރުގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ބޮޑީ ގާޑަކަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަ×ީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު އޭރުގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމް ކަލޭފާނު ވެސް 10 އަހަރަށް ޖަލަށްލުމަށްވަނީ ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ