ރާއްޖޭގެ ގާނޫނު އަސާސީ ފުނޑާލާ ރައްޔިތުންގެ ވެރިކަން ބޮލާލާޖަހާ ރައްޔިތުން ކުޑަކަކޫ ޖައްސާ އަޅުންނަށް ނުހެދެނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓިތަކުން އެމްޑީޕީ ހަރުގޭގައި ހަވީރު ސައިގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޑރ ހުސައިން ރަޝީދު ވިދާޅުވީ ގާނޫނު އަސާސީ ފުންޑާލާ ރައްޔިތުންގެ ވެރިކަން ބޮލާލާޖަހާ ރައްޔިތުން ކުޑަކަކޫ ޖައްސާ އަޅުންނަށް ނުހެދޭނެ ކަމަށާ އެމަންޒަރު ބަލަން މިއަދު ރައްޔިތުން ނުތިބޭނެ ކަމަށެވެ.
"އެގޮތަށް ރައީސް ޔާމީން ކަންކުރައްވާނަމަ ރައްޔިތުން ނުކުމެ ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވައްދާނެ،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްކޮޅުން ފެންނަމުން މިދަނީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުކުމެ ކަންކަން ތަރުތީބުކުރަމުން ގެންދާއިރު އަނެއްކޮޅުން ބަޔަކު ނުކުމެ ނެތް އުސޫލުތަކެއްގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީ ގެއްލުވާލަމުންދާ މަންޒަރު ކަމަށެވެ.
ދިވެހިން މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު ޑރ ހުސައިން ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ ގޮނޑި ނަގާ ނުލެވޭނެ ކަމަށެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝީފާޒް ވިދާޅުވީ ބަޔަކު ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތައް ހުއްޓަވާނުލައްވާނެ ކަމަށެވެ.
"ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ އެއްވެސް މެމްބަރެއްގެ ގޮނޑިއެއް އެއްވެސް މީހަކަށް ގެއްލުވައެއް ނުލެވޭނެ،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން މުޅި ދައުލަތް ކިލަނބު ކުރައްވާ ތިންބާރު މަސްހުނިކޮށް މިވަގުތު ގައުމު ހިންގަން އެއުޅުއްވާ ގޮތާ ދެކޮޅަށް މަސައްކަތް ކުރަން ފެށީ މިރާއްޖެ އަމާން ބަނދަރަކަށް ގެންދިއުމުގެ ބެނުމުގައި ކަމަށެވެ. އަދި ތިންބާރު މަސްހުނިކޮށް ވެރިކަން ހިންގުމަކަށް މިއަދު އެއްވެސް ދިވެހި ރައްޔިތަކު ޖާގަ ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ފެއްޓެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދިފާއުގައި އެތައްހާސް ރައްޔިތެއްގެ ހައްގުތަށް ނިގުޅައިގަތުމަށް ކަމަށެވެ.
އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ޕާޓިތަކުން މިއަދު ކުރިއަށް ގެންދިޔަ ހަވީރުގެ ސަޔަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ.
މިއަދުގެ ހަރަކާތަށް ފުލުހުން ހުރަސްއަޅާފައިވާއިރު އިއްޔެވެސް ގުޅިފައިވާ ޕާޓީތަކުން ބޭއްވި ހަވީރުގެ ސަޔަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. އަދި އެތަނުން ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެެ. ނަމަވެސް މިހާރު ހައްޔަރުކުރި އެންމެން ވަނީ ދޫކޮށްލާފަ އެވެ.
ރައްޔިތުން ކުޑަކަކޫ ޖައްސާ އަޅުންނަކަށް ނުހެދޭނެ: ޑރ. ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ