ފިއްލަވާފާނެ ކަމަށް ބުނެ މެމްބަރު އަރީފުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފް ފިއްލަވައިގެ ސްރީ ލަންކާ އަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
އެ ކޯޓުން ނެރުނު އަމުރުގައި ބުނީ އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާ މެދު މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައިވާ ގޮތުން އެއް މަސް ދުވަހަށެވެ.
އޭނާގެ ޕާސްޕޯޓް ހިފަހެއްޓި އިރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ހަރަކާތުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ތަރުޖަމާން އަހުމަދު މަހްލޫފްގެ ޕާސްޕޯޓް ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ވަނީ ހިފަހައްޓައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އިދިކޮޅު ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، އަދި ބައެއް ބޭފުޅުންގެ ޝަރީއަތް ދަނީ ހިންގަމުންނެވެ. ބައެއް މެމްބަރުން ތިއްބެވީ ޖަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ