ސަރުކާރު ކުންފުނިތަކުން މިހާރު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އަގާ މެދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފި އެވެ.
ކަރަންޓުގެ އަގު މި މަހުން ފެށިގެން 10- 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮކުރަން ސަރުކާރުން ނިންމުމާއެކު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ ވައިބާގައި ބޮޗޭ ވިދާޅުވީ އެއާ މެދު އެއްޗެކޭ ވިދާޅުވާން އިނގޭނީ ބިލް ލިބުނީމައި ކަމަށެވެ. އަދި މިދިޔަ މަހު ވެސް ކަރަންޓު އަގު، 125 ޕަސެންޓަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިބާ ގުރޫޕުގައި ބޮޗޭ މިހެން ވިދާޅުވީ، ތެލުގެ ޑިއުޓީ ކުޑަކުރުމާ ގުޅިގެން، ކަރަންޓު ބިލްތަކުން 10-15 ޕަސެންޓް އަގު ހެޔޮކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވައިބާ ގުރޫޕުގައި އިއުލާން ކުރެއްވުމުންނެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލު އަސްމާ ވިދާޅުވުމާއެކު އެހެން ހުރިހާ މެމްބަރުން ވެސް ރައީސް ޔާމީނަށް ޝުކުރު އަދާ ކުރެއްވި އެވެ.
މި ގުރޫޕުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ މާލެ އާއި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ އަގު އެއްވަރު ކޮށްފިނަމަ އިތުރު ލުއިތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި އެއީ ރަށްރަށުން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލު އިއުލާންކުރުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ މެދުވެރިކޮށްދޭ ކަރަންޓު ދޭ ހުރިހާ ރަށެއްގެ އަގަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ވެސް ކަރަންޓުގެ އަގަށް ބަދަލު ގެނެވިފައި އޮންނާނެ. އަދި މި ބަދަލުތައް ދެން ބިލް އަންނައިރު އޮންނާނީ އިމްޕްލިމެންޓްވެފައި. އަގު ބަދަލު ގެންނަން ވާހަކަދައްކަނީ އެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.
ކަރަންޓުގެ އަގާ މެދު މެމްބަރު ރިފާއު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ