ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި 31،000 އަށް ވުރެ ގިނަ މީހުން ވޯޓް ލާނެ: ރައީސް މައުމޫން

މި މަހު 30 ވަނަ ދުވަހު ބާއްވަން ކަނޑައަޅާފައިވާ ޕީޕީއެމްގެ ޕްރައިމަރީގައި 31،000 އަށް ވުރެ ގިނަ މީހުން ވޯޓް ލާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރީއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އިން ބަލަހައްޓަމުން ގެންދާ އެ ޕާޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހު 30 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވޯޓްލާ މީހުންގެ ޝަރުތު ފުރިހަމަވާ މީހުންގެ ސައްހަ އަދަދަކީ 31،256 މީހުން ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓްލާ މީހުންނާ ބެހޭ ގޮތުން ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ މެންބަރަކަށް ވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި ދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމަ އަށް އިތުރުކޮށްދީފައި ވާތީ އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވައި ހުރި ވަރަށް ގިނަ އަދަދެއްގެ ފޯމްތަކެއް ހުންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އިނގިލީގެ ނިޝާން ޖަހައިގެން ފޯމްތައް ބަލައި ގަންނަމުން ދިޔަ އިރު އެކި ސަބަބުތަކާ ހުރެ އެ ކޮމިޝަނުން ބަަލައިގެންފައި ނުވާ ވަރަށް ގިނަ އަދަދެއްގެ ފޯމް ހުންނާނެ ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގައި ޕާޓީގެ މެންބަރުންގެ އަދަދާއި އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމް ހުށަހަޅާފައިވާ މެންބަރުން ފޯމްތައް އެއް ކޮށްލުމުން ޕީޕީއެމްގެ ޕްރައިމެރީގައި އެ އަދަދަށް ވޯޓް ލާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ އަދަދެއްގެ ފޯމްތަކެއް އިލެކްޝަންސް ކޮމިޝަނުން އިނގިލީގެ ނިޝާން ޖަހައިގެން ފޯމްތައް ބަލައި ގަންނަމުން ދިޔަ އިރު ވަނީ އެކި ސަބަބުތަކާ ހުރެ ރިޖެކްޓް ކޮށްފައި. އަދި ޕާޓީގެ ޕްރައިމެރޯީގައި ވޯޓް ލާން ބޭނުންވާ ފަރާތްތަކަށް ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވުނު. އެހެން ވީމާ އިލެކްޝަންސްގައި ޕާޓީގެ މެންބަރުންގެ އަދަދު ހުރި ވަރަށް ވުރެ ޕާޓީގެ މެންބަރުންގެ އަދަދު ގިނަ ވާނެ. އެހެން ވީމަ އެ އަދަދަށް ވޯޓު ލާނެ." މަހުލޫފް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ޕީޕީއެމްގެ މެންބަރުން އަދަދަކީ 22383 މެންބަރުންނެވެ. އަދި ޕީޕީއެމްގެ 1671 ފޯމް އިލެކްޝަންސް ކޮމިޝަންގައި ޕްރޮސެސް ނުކުރެވި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ