10 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނު ކަމުގައިވިޔަސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައްޔިތުން ގުރުބާންކޮށް ސަރުކާރާ ޑީލެއް ހަދައިގެން އެނބުރި ގެޔަށް ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވީ ރައީސް މައުމޫނު ހައްޔަރު ކުރެވުނުތާ 6 މަސް ވުމާއިގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުންނެވެ.
އަމިތު ވިދާޅުވީ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދޭތެރެ ދޭތެރެއިން ރައީސް މައުމޫނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށާއި ރައީސް މައުމޫނާއި އެމަނިކުފާނާއެކު އިސްލާހަށް މަސައްކަތް ކުރައްވައިގެން ހައްޔަރު ކޮށްފައިވާ ފާރިސް މައުމޫނާއި ނަދީމް އަށްވެސް ޖަލުން ނުކުމެވަޑައިން ގެޔަށް ވަޑައިގަތުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް އަނިޔާވެރި ސަރުކާރުގެ އަތުގަ ހިފައިގެން ރައްޔިތުންނަށް އޮޅުވާލައި ގައުމު ގުރުބާން ކޮށްލުމަށްފަހު ޖަލުން ނިކުމެވަޑައިގެން އަމިއްލަ އުފަލާ އަރާމު އިސްކުރެއްވުމަކީ ރައީސް މައުމޫނު ކުރައްވާނެ ކަމެއް ނޫންކަމަށް އަމީތު ވިދާޅުވިއެވެ. އަދި އެކަން އެހެން ކުރެވިދާނެ ކަމަށް އުންމީދު ކުރައްވައި އަދުގެ ސަރުކާރުން ކުރަމުންގެންދާ ހުރިހާ މަސައްކަތަކީ ބޭކާރު މަސައްކަތް ތަކެއްކަމަށްވެސް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް މައުމޫނަށް ނުހައްގުން ލިބެމުންދާ އަނިޔާތަކަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމިނަށް ކާމިޔާބު ކޯށްދެއްވުމުގެ މަސައްކަތް ކުރެއްވިއިރު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާކަމަށެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންއަށް ވެރިކަން ހޯދައިދިނުމުގެ މަސައްކަތުގައި އުޅުއްވިއިރު ރައީސް މައުމޫން ވަނީ މިގައުމުގެ ސަރުކާރު ހަމަމަގުން ނެއްޓޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ގައުމު ހަމަމަގަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި ރައީސް މައުމޫނު މިހާތަނަށް ހުރިހާ މަސައްކަތެއް ކުރައްވާފައިވަނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންނަށްޓަކައި ކަމަށް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް މައުމޫނުގެ އިސްލާހީ މަސައްކަތުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ފާރިސް މައުމޫނު އިސްވެ ހުންނަވައިގެެން ކުރައްވާފައިވާ މަސައްކަތްތައް ކަމަށެވެ.
އެގޮތުން ބިޑަކާއި ނުލާ ރައްތައް ވިއްކުންފަދަ ބިލްތައް ފާސްކުރުމާ ދެކޮޅަށް ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ކުރެއްވި މަސައްކަތް އަމީތު ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީތު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމަންއަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި އާންމުކުރެއްވި ޕޯސްޓާ ގުޅިގެން އެމަނިކުފާނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
އަމީތު ވިދާޅުވީ ދިވެހި ރާއްޖޭގެ އަސްކަރިއްޔާގަ ޚަބަރު ފަތުރާ ރަސްމީ ވަސީލަތަކަށް ޑިފެންސް މިނިސްޓަރުގެ ފޭސްބޫކް އެކައުންޓް ވެގެންދިޔުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެއީ އެކަން ވާންޖެހޭ ގޮތްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ހިނގާފައިއޮތުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް އެކައުންޓް ހެކްވީތޯ ނުވަތަ މިހާރުން ފެށިގެން ދިވެހި އަސްކަރިއްޔާގެ ޚަބަރުފަތުރާ ރަސްމީ ވަސީލަތަކަށް އެމަނިކުފާނުގެ އެކައުންޓް ހަމަޖެއްސެވީތޯ މިއީ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމެއް ކަމަށްވެސް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ގައުމުގައި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން އެންމެ ފުރަތަމަ އަންގަންޖެހޭނެ ބައެއްކަމަށް ވާނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މެންބަރުންނަށް ކަމަށެވެ. އެހެން ނަމަވެސް އެ މެންބަރުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެއްވުމެއްނެތި ޑިފެންސް މިނިސްޓަރުގެ ފޭސްބުކް އެކައުންޓުގައި އެފަދަ ޕޯސްޓެއް ނެރުއްވުމުން އެއީ އާންމު ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ކުރެއްވި އަމަލެއްކަން ދޭހަވެގެން ދާކަމަށް އަމީތު ވިދާޅުވިއެވެ.
ރައީސް މައުމޫން ސަރުކާރާ ޑީލެއް ނުހައްދަވާނެ - އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ