ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ތިބި ސަރަހައްދަށް ކޯސްޓްގާޑަށް ދެވޭނީ މިއަދު ހަވީރު 4:30ގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ތިބީ ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުގައި އޮތް ސްރީލަންކާގެ މަސް ބޯޓެއްގައި ކަމަށެވެ. އަދި ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވޭނީ މިއަދު ހަވީރު 4:30ގައި ކަމަށާއި އޭގެ ފަހުން އެކަމާ ބެހޭ ތަފްސީލީ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސ. މަރަދޫ ހިތްވަރު ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ހިތްވަރު ބޯޓް އަޑިއަށް ދިއުމާ ގުޅިގެން ބޯޓްގައިތިބި އެންމެން ބޯޓުގެ ޑިންގީ އަށް އަރައި ތިބީ ކަމަށެވެ. އަދި ލަންކާގެ މަސްބޯޓް އެ މީހުންނާ ހަމައަށް އައުމުގެ ކުރިން ބޯޓުން ދަތުރު ކުރި ގދ. ރަތަފަންދޫ ސޯސަންގޭ ހަސަންފުތާ، 76، އާއި ބަންގްލަދޭޝްގެ މީހަކު މަރުވެފައިވާ ކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ރޭ ބުންޏެވެ.
އެ ދެ މީހުން މަރުވެފައި ވީނަމަވެސް އެ ބޯޓުން ދަތުރު ކުރި އެހެން އެންމެން ޑިންގީގައި ތިއްބައި ލަންކާގެ މަސްބޯޓުން ވަނީ އެ މީހުން ސަލާމަތްކޮށް އެ ބޯޓަށް ނަގައިފަ އެވެ.
ހިތްވަރު ބޯޓުގެ ވެރިފަރާތް، ސ. މަރަދޫ ވެނީލާގޭ ޝަހުރުއްޒަމާނު ވާފިރު އިއްޔެ ބުނި ގޮތުގައި ބޯޓުން ދަތުރު ކުރި ދިވެހީންގެ ތެރޭގައި ހެމެނެނީ 11 އަހަރުގެ، ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42،ގެ އިތުރުން ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 76، އެވެ. އަދި އޭނާ ބުނި ގޮތުގައި އެ ބޯޓުން ހަތަރު ބިދޭސީއަކު ދަތުރު ކުރި އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަޒުކާރު އާއި ހަސަން އާއި އެމްޑީ ސަލީމްމިއާ އަދި ޝަހާބުއްދީން ކަމަށް ބޯޓުގެ ވެރިމީހާ ބުންޏެވެ.
މާލެ އިން ފުރައިގެން އައްޑުއަށް ދަތުރުކުރި ހިތްވަރު ބޯޓު ގެއްލިފައި ވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މީހުން ތިބި ހިސާބަށް ކޯސްޓްގާޑަށް ދެވޭނީ ހަވީރު 4:30ގައި: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ