ޝަހުމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް - ހައި ކޯޓު

ނުރައްކާތެރި މީހެއް ގޮތުގައި ފުލުހުން އާންމުކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ހައި ކޯޓުން މިއަދު މިގޮތަށް ހުކުމް ކޮށްފައި މި ވަނީ މަރުގެ މައްސަލައެއްގެ ތަހުގީގަށް ޝަހުމް ބަންދުކޮށްފައި ވަނިކޮށް އޭރުގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލު ޒިންމާދާރު ކުރުވުމަށް ކަމަށް ވިދާޅުވެ ޝަހުމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ހުކުމް އިއްވަމުން ވިދާޅުވީ އާމިނަތު ޖަމީލަކީ އެ މައްސަލައާއި ގުޅުން ހުރި ފަރާތެއް ނޫން ކަމަށާއި، އެހެންކަމުން އޭނާ ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ފަހުން ޝަހުމް ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މަރުވި މުހައްމަދު ހުސެއިންގެ މެޑިކޯ ލީގޯ ރިޕޯޓު ނުލިބިގެން ނެވެ
ޝަހުމް ހައްޔަރުކޮށްފައިވަނީ 2010 ވަނަ އަހަރު މާޒިޔާ ދަނޑުގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ހިނގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރާލި މައްސަލައިގެ ތުހުމަތުގައި އެވެ. ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ ސ. ހިތަދޫ ވަރުދީގެ އަހުސަން ބަޝީރު މަރާލުމުގައި ޝަހުމް ބައިވެރިވި ކަމަށް ވަނީ ދައުވާ އުފުލާފަ އެވެ.
ފަނޑިޔާރު ވިދާޅުވީ އޭރު ޝަހުމް ހައްޔަރުކޮށްފައިވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި އަދި އޭނާ ހައްޔަރުކުރީ ވެސް ފިލައިގެން އުޅެނިކޮށް ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ޝަހުމް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށްވާއިރު އޭނާގެ ޝަރީއަތްތައް އޮންނަ ދުވަސް ދުވަހު ކޯޓަށް ހާޒިރުކޮށް ކޯޓުން ގެންދަނީ ވެސް ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ