އައްޑޫ މިސްކިތެއްގައި އިލިޔާސް ދަރުސް ދެއްވަމުންދަނިކޮށް ކަރަންޓު ކަނޑާލައިފި

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ މިސްކިތެއްގައި ޝެއިޙް އިލްޔާސްގެ ދަރުހެއް ކުރިއަށް ދަނިކޮށް އެމިސްކިތުން ކަރަންޓު ކަނޑާލައިފި އެވެ.
މިދަރުސް އިންތިޒާމް ކުރި މީހަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ އެރަށު މަސްޖިދުލް އިކްރާމްގައި ޝެއިޙް އިލިޔާސްގެ ދަރުސް ދެއްވަމުންދަނިކޮށް އެ މިސްކިތުން ކަރަންޓު ކަނޑާލީ ރޭގެ ވަގުތެއްގައި ދަރުސް ފެށުނުތަނާ ކަމަށެވެ.
އަދި ކަރަންޓު ކަނޑާލީ އެފަދަ ކަމެއް ކުރާނެ ކަމުގެ އިންޒާރުދިނުމަށްފަހު ކަމަށް ވެސް ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި މީހަކު މައުލޫމާތުދެމުން ބުންޏެވެ.
އެމިސްކިތުގައި ދަރުސް ފެށިތަނާއި ކަރަންޓު ކަނޑާލުމަށްފަހު އަލުން ކަރަންޓު ދީފައިވަނީ ދަރުސް ނިމޭހާއިރުކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ދަރުސް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި މީހާ ބުންޏެވެ.
"ދަރުސް ފެށުނުތަނާއި ކަރަންޓު ކަނޑާލި ނަމަވެސް ޝެއިޙް އިލިޔާސް ދަރުސް ދިނުން ހުއްޓައެއް ނުލާ، ކަރަންޓު އަލުން ލިބުނީ ވެސް ދަރުސް ނިމެން އުޅެނިކޮށް، ދަރުސް އަޑު އަހަން ގިނަ ބަޔަކު ގޮސްތިބި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ." ޝެއިޙް އިލިޔާސްގެ ދަރުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ފަރާތެއް އެމްވީޔޫތަށް މައުލޫމާތުދެމުން ބުންޏެވެ.
އަދި މިކަމަކީ ދީނީ އިލްމުވެރިންނަށް ދީނީ ދަރުސް ދެއްވުމަށް ހުރަސް އެޅުއްވުމުގެ ގޮތުން ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއް ކަން ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
ޝެއިޙް އިލިޔާސްގެ ރޭގެ ދަރުސް ބިނާކުރެއްވީ ނަމާދު ކުރުމާއި އެއްބައިވަންތަކާއި ގުޅޭ ގޮތުންނެވެ. ރާއްޖޭގެ މަޝްހޫރު ޝެއިޙް އިލިޔާސް އަކީ ސިޔާސީ ބޭފުޅެއް ކަމަށް ވިދާޅުވެ އައްޑޫގެ މިސްކިތްތަކުގައި ދަރުސް ނުދޭން އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ނިންމާފައިވެ އެވެ.
އެމައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ދީނީ ދަރުސްތައް މިސްކިތްތަކުގައި ދިނުމަށް ކައުންސިލްގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ