އަބްދުﷲ ހަމީދު ފަނޑިޔާރު ކަމުން ވަކިކުރަން ފާސްކޮށްފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވިއިރު ފަނޑިޔާރު މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވިއެވެ.
ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށެވެ. އެހެންނަމަވެސް ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހެޅީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމަށްފަހު ކަމަށެވެ.
އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށްކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބުނެ ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ ރިޕޯޓް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.
އަލްއުސްތާޛު އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ