ސަރުކާރުން އުޅެނީ މާލީ މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލަން: މެމްބަރު ޝިޔާމް

ސަރުކާރުން އުޅެނީ ސެންޓްރަލް ބޭންކާއި އޭޖީ އޮފީސް ފަދަ މާލީ މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި މިއަދު ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެއުމުގެ އިބްތިދާއީ ބަހުސް ފަށާފައެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒު ހުށަހަޅުއްވާފައިވާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ، ސަރުކާރުގެ ގެރެންޓީ ދިނުމުގެ އުސޫލުތަކާއި ސަރުކާރުގެ ފައިސާ ހިސާބުކުރުމުގެ އުސޫލުތައް އަދި ބަޖެޓް އެކުލަވާލުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމެވެ.
މި ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ހުށަހެޅިފައި ވަނީ މާލީ މިނިވަން މުވައްސަސާތަކުން ކަންބޮޑުވާނެ އިސްލާޙުތަކެއް ކަމަށެވެ. ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަކި އުސޫލުތަކެއްގެ ދަށުން ވަކި ހާލަތްތަކެއްގައި ޚަރަދުކުރެވޭ ގޮތަށް ހުރި ރައްޔިތުންގެ ފައިސާ ބޭނުން އިރެއްގައި ބޭނުން ގޮތަކަށް ބޭނުން މިންވަރަކަށް ޚަރަދުކުރުމުގެ ބާރު މި އިސްލާހާއެކު ލިބިގެންދާނެ ކަމަށާއި މިއީ ރައްޔިތުންގެ "ތިޖޫރީގެ ފޫކަހާލުން" ކަމަށް ޝިޔާމް ސިފަކުރެއްވިއެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ ސަރުކާރުން އުޅޭނީ ގޮތް ހުސްވެގެން ކަމަށެވެ. އަދި އާމްދަނީ ހޯދޭނެ ހަމަ މި ނޫން އެއްވެސް ގޮތެއް ސަރުކާރަށް ނުވިސްނުނީތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.
މެމްބަރު ޝިޔާމް ވަނީ އިންވެސްޓްމަންޓް ކޮމިޓީއެއް އުފައްދަނީ ކީއްކުރަންތޯ އައްސަވާފައެވެ. އަދި އެފަދަ ކޮމިޓީއެއްގެ ބޭނުމަކީ ދެތިން ބޭފުޅުން ވަށް މޭޒެއްގައި ތިއްބަވައިގެން ރައްޔިތުންގެ ފައިސާއާ ކުޅުން ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހެއް ރައްޔިތުންގެ މަޖިލީހުން ބަލައިނުގަތުމަށް ވަނީ މީގެ ކުރިން ނިންމައިފައެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނު 2006 ވަނަ އަހަރު ފުރަތަމަ އަމަލުކުރަން ފެށި އިރު ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދެވޭނީ އެދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާ ކުރުމަށްފަހު ފިނޭންސް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އޭރުގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެދަރަންޏެއް ނަގާ ކޮންމެ ފަހަރަކު ނުވަތަ ގެރެންޓީއެއްދޭ ކޮންމެ ފަހަރަކު އެކަމެއް 30 ދުވަހުގެ ތެރޭގައި ފިނޭންސް މިިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އެކަމެއް ފާސްކޮށްގެން ކަމަށެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު ގެނައި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ދަރައްޏެއް ނަގަންވާނީ ނުވަތަ ގެރެންޓީއެއްދޭން ވާނީ ފިނޭންސް މިނިސްޓަރު އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކަން އެގޮތަށް ކުރަން ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާނަމަ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ އެހުށަހެޅުން މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން ކަމަށެވެ.
2014 ވަނަ އަހަރު މާލިއްޔަތު ގާނޫނަށް ގެނައި 4 ވަނަ އިސްލާހު ގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުމުގެ އުސޫލު ދައުލަތުގެ މާލިއްޔާތު ގާނޫނުގައި ފުރަތަމަ އޮތް ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން ދިވެހި ސަރުކާރުން ގެރެންޓީ ދިނުމާއި ލޯނުނެގުމެވެ. މިހާރުވެސް އަމަލުކުރަމުންދަނީ މިގަވައިދާއި އެއް ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ