ބޮޑު ސަރަހައްދަކަށް ކަރަންޓް ދީފި

މުޅި މާލެއިން ކަރަންޓްގެ ހިދުމަތް މެދު ކެނޑުމަށް ފަހު، މިހާރު ބޮޑު ސަރަހައްދަކަށް ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ. މިއަދު ހެނދުނު މުޅި މާލެއިން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ މާލޭއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު އަންނަނީ ކަރަންޓުގެ ހިދުމަތް ދެމުން ކަމަށެވެ. ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. "އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ. އަދި 8 ވަނަ ފީޑަރަށް ދިމާވެފައިވާ މައްސަލަ ދެނަގަނެވި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން." ސްޓެލްކޯއިން ބުންޏެވެ. މުޅި މާލެއިން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުމާއި ގުޅިގެން އޮފީސްތައް ހިންގުމަށާއި ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ