ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފި

ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ އަމަލެއް ކޮށްފައިވާތީ، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި އެ ޖަމްއިއްޔާގައި އިސްމެޖިސްޓްރޭޓް ހަރަކާތްތެރިވެފައިވާކަން ސާބިތުވެފައިވާކަމަށެެވެ. އަދި ތަފްރީޤްކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަންވެސް ސާބިތުވެފައިވާކަމަށެވެ.
މީގެއިތުރުން އިސްމެޖިސްޓްރޭޓް އަލީ އާދަމް އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީއާއި، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ހަރަކާތަކަށްވާއިރު، ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާކަަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެސްވެފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން، އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުއޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވީއިރު، ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ އަމަލެއް އިސްމެޖިސްޓްރޭޓް އަލީ އާދަމް ކުރިކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފައެވެ.
މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ އަމުލުތަކަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ޖޭއެސްސިން ވަނީ ނިންމާފައެވެ.
މިމުއްދަތުގައި ހދ. ޖުޑީޝާލް ދާއިރާ ހިންގުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒް މުޙައްމަދު އިސްމާޢީލްއާ ޙަވާލުކުރުމަށްވެސް އެކޮމިޝަނުން ނިންމާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ