ހޯމް މިނިސްޓަރު އުމަރު މަގާމުން އިސްތިއުފާ ދެއްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އުމަރު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.
އުމަރުގެ ޓްވީޓްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އުމަރުގެ ޓްވީޓްގައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އެހެނިހެން ފަރާތްތަކުން އެމަނިކުފާނަށް ދެއްވި ސަޕޯޓަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
އުމަރު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
އުމަރު މަގާމުން އިސްތިއުފާ ދެއްވިއިރު ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ބާރުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިކުރައްވާ އަދި ހިފަހައްޓަވާފަ އެވެ. ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި މޮނިކޮން އަމުރު ނެރެ ވަރުގަދަ މަސައްކަތްތަކެއް ގޭންގްތަކާއި ދެކޮޅަށް އުމަރު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ވަނީ އުމަރުގެ އަތްޕުޅުން އެ ބާރު ނަންގަވާ އުމަރު ހިމެނިވަޑައިގަންނަވާ ވަކި ހާއްސަ ކޮމިޓީއަކުން އެކަން ކުރަންޖެހޭ ގޮތަށް މިހަފްތާ ތެރޭގައި ހަމަޖައްސަވާފަ އެވެ.
އުމަރުގެ އިސްތިއުފާ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކުރެވިފައިވާ ކަމަށް ބުނާ މައްސަލައާއި ވެސް ގުޅުންތަކެއް ހުރި ކަމަށް ބެލެވެ އެވެ. ކާނަލް ނާޒިމް ފްރޭމްކުރީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށް ނާޒިމް ތުހުމަތުކުރައްވާއިރު އަދީބް، ނާޒިމް ފްރޭމް ކުރައްވާފާނެ ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ. އަދި ނާޒިމަކީ ގައުމީ ބަތަލެއް ކަމަށް އުމަރު އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމުން ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ފުރަތަމަ ބޭފުޅަކީ އުމަރު ނަސީރު އެވެ. އުމަރު މި މަގާމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ