ވައިކަރަދުއަށް ކަރަންޓްގެ ދިނުމަށް މިދަނީ ސަރުކާރާ ވާހަކަ ދައްކަމުން: ވައިކަރަދޫ ދާއިރާގެ މެމްބަރު

އިއްޔެއިން ފެށިގެން ހދ. ވައިކަރަދޫއިން ކަރަންޓް ކަނޑާލާފައި އޮތުމުން، ވީހާވެސް އަވަހަކަށް އެ ރަށަށް ކަރަންޓްގެ ހިދުމަތް ދެވޭތޯ ސަރުކާރާ ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަމުގައި ސަރުކާރުން އެދެވޭ ޖަވާބެއް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ އާރިފު ވިދާޅުވީ ވިނަރެސް ޖަމިއްޔާއާއި ރަށުކައުންސިލާ ދެމެދު އުފެދިގެން އުޅޭ މައްސަލައިގެ ތެރެއަށް ވެދެވަޑައިގަންނަވަން އޭނާ ބޭނުންފުޅުވެޑައި ނުގަންނަވާ ކަމަށާއި މުހިއްމީ ވައިކަރަދޫއަށް ކަރަންޓްގެ ހިދުމަތް ދިނުން ކަމަށެވެ.
"އަޅުގަނޑު މިދަނީ ސަރުކާރުގެ އިސް ފަރާތްތަކާ ވާހަކަ ދައްކަމުން، އެބޭފުޅުން ވިދާޅުވީ ވައިކަރަދުއަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނަމޭ، އެއީ ޕޮޒިޓިވްޖަވާބެއް ކަމަށް އަޅުގަނޑު ދެކެނީ،" އާރިފު ވިދާޅުވި އެވެ.
ވައިކަރަދުއަށް ކަރަންޓް ދެމުން އައި އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ވިނަރެސް ޖަމިއްޔާއިން ހިންގަމުން އައި އިންޖީނުގެއިން ދެމުން އައި ކަރަންޓްގެ ހިދުމަތް ދިނުން ހުއްޓާލީ އެޖަމިއްޔާ އުވާލުމަށް ހޯމް މިނިސްޓްރީން ނިންމުމުން ދަރަންޏަށް ތެޔޮ ގަންނަން އެ ޖަމިއްޔާއިން ބޭނުން ނުވެގެން ކަމަށް ކުރިން މައުލޫމާތު ލިބިފައި ވެއެވެ.
1200 މީހުންގެ އާބާދީއެއް އޮންނަ ވައިކަރަދޫން ކަރަންޓް ކަނޑައިލުމުން ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ