އާއިލާގެ ބޭފުޅުންނަށް ނަޝީދާއި ބައްދަލުކުރެވޭނެ: އުމަރު

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮންމެ ހަފުތާއަކު ވެސް އާއިލާއާއި ބައްދަލުކުރެއްވޭނެ ކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނަކީ ޒިންމާދާރުކަމެއް ނެތް ބަޔާނެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް އެމަނިކުފާނާއި ޖަލުގައި ބައްދަލު ނުކުރެއްވޭނޭ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނަޝީދުގެ އާއިލާއަށް އަންގާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އެމްޑީޕީން އިއްޔެ ބަޔާނެއް ނެރެފައިވާތީ އެކަމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު އުމަރުގެ ޓްވީޓުގައި ބުނެފައިވަނީ ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް ކޮންމެ ހަފުތާއަކުވެސް ބައްދަލުކުރަން ހުޅުވާލާފައިވާ ފުރުސަތު މިހާރުވެސް އޮންނާނެ ކަމަށެެވެ. އަދި އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ނެރެފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމުގައިވެސް ވިދާޅުވި އެވެ.
ނަޝީދުގެ އާއިލާ ކަމަށް އުމަރުގެ ޓްވީޓުގައި މާނަކުރައްވާފައިވަނީ އެމަނިކުފާނުގެ މައިންބަފައިންނާއި އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޭފުޅުންނަށެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން، ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތެރެއިން އެއްބަޑު އެއްބަފާ ބޭފުޅުންނާއި އަދި ގާތް ތިމާގެ އެހެން ބޭފުޅުންނަށްވެސް ޖަލުގައި ނަޝީދާއި ބައްދަލު ނުކުރެއްވޭނޭ ކަމަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރަށް ރައީސް މުހައްމަދު ނަޝީދަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ހަނިކޮށް އެމަނިކުފާނަށް ބޭނުންވާ ސިއްހީ ފަރުވާއިން މަހުރޫމް ކޮށްފައިވާ ކަމަށް ނަޝީދުގެ އޮފީހުންވެސް ވަނީ ބުނެފަ އެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ