މެޑިކަލް ސްކޫލް ގާއިމްކުރުމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމްކުރުމަށް ޔުނިވާސިޓީން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކަމާއިި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިއްޔެ ޔުނިވާސިޓީގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ، މެޑިކަލް ސްކޫލެއް ގާއިމްކުރުމާ ގުޅޭގޮތުން ބޭރުގެ ދެ ކޮންސަލްޓެންޓަކު މެދުވެރިކޮށް ހެދުނު ފީސިބިލިޓީ ސްޓަޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަން ހާމަކޮށްފައެވެ. މި ރިޕޯޓުން ހާމަވެފައިވާގޮތުގައި މެޑިކަލް ސްކޫލެއް ގާއިމްކުރުމަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމަށާއި އަދި އެކަން ކުރެވިދާނެ ތަފާތު އިޚްތިޔާރުތައްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ޚިދުމަތްކުރައްވަމުން ގެންދަވާ ވަރަށް ގިނަ ޢަދަދެއްގެ މެޑިކަލް ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޔުނިވާސިޓީން މައުލޫމާތުދެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް، މޯލްޑިވްސް މެޑިކަލް ކައުންސިލް، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއި އަދި ރާއްޖޭގައި މިވަގުތު މަތީ ޘާނަވީއަށް ކިޔަވައިދޭ އެންމެ ބޮޑު ދެ ސްކޫލްކަމަށްވާ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ޔުނިވާސިޓީން ހާމަކުރެއެވެ.
މެޑިކަލް ސްކޫލްގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރެއްވީ ސްރީލަންކާގެ ޕެރެދެނިޔާ ޔުނިވަރސިޓީގެ ދެ މާހިރަކާ ޙަވާލުކޮށްގެނެވެ.
މިދިރާސާއިން ދެއްކިގޮތުގައި ދިވެހިރާއްޖޭގައި މެޑިސިންގ ކިޔަވައިދޭން ފެށުމަކީ މިހާރު ހުރި ވަޞީލަތްތަކާއި ޤާބިލުކަމުގެ މިންވަރުން ކާމިޔާބުކަމާއެކު ކުރެވިދާނެ ކަމެއް ކަމަށާއި، އަދި މި މަޝްރޫޢު ފެށުމަށް މިހާރުވެސް ލަސްވެއްޖެކަމުގައި ފާހަގަކޮށްފައިވެއެވެ.
މެޑިކަލް ސްކޫލް ގާއިމްކުރުމަށް ކުރަންޖެހޭ މުހިއްމު ކަންކަމާއި، އެމް.ބީ.ބީ.އެސްގެ މަންޙަޖު އެކުލަވާލުމަށް ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްވެސް މިބައްދަލުވުމުގައި ކުރިއަށް ގެންދެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ