މަޝްހޫރު މޮޑެލުންނަށްވުރެ ބޮޑު އާމްދަނީ ހޯދާ ބުޅާ - ޝުޕޭޓް

ބުޅަލަކީ ވަރަށް ކުރިއްސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ލޯބިން ގޭގައި ގެންގުޅެމުންދާ ޖަނަވާރެކެވެ. ރާއްޖޭގައި ވެސް ބުޅަލަށް ލޯބިކުރާ މީހުން ދުވަހުން ދުވަހަށް މި އަންނަނީ އިތުރުވަމުންނެވެ.އެކި ބްރީޑްތަކުގެ (ނަސްލުތަކުގެ) އެކި ކުލައިގެ ބުޅާ ރާއްޖޭގައި ގެންގުޅޭ މީހުންގެ އަދަދު މިހާރު މަދެއްނޫނެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި ބުޅާ ގެންގުޅެނީ މަޝްހޫރު ފެޝަން ޑިޒައިނަރ ކާލް ލެގަރފީލްޑެވެ.
ކާލް ލެގަފީލްޑް ގެންގުޅޭ "ޝުޕޭޓް" ކިޔާ މިބުޅަލަށް، ކާލް ލެގަރފީލްޑްގެ ފެޝަން މޮޑެލްތަކަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭކަމަށްވެއެވެ.
"ޝުޕޭޓް"އަކީ ނޫކުލައިގެ ލޮލެއް އިންނަ ސައިމީސް ބްރީޑް (ނަސްލު)ގެ ބުޅަކެވެ. މިބުޅަލުގެ ކަންތައްތައް ބެލެހެއްޓުމަށް ބުޅަލަށް ހާއްސަ ދެމެއިޑުން ތިބެއެވެ. އިންސްޓަގަރާމް އެކައުންޓެއް އޮންނަ މިބުޅަލަކީ މަތިންދާބޯޓުގައި ދަތުރު ކުރާއިރު ފަސްޓް-ކްލާހުގައި ދަތުރާ ބުޅަލެކެވެ.
މިބުޅާ ވަނީ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ޝޫ އުއެމޫރާ" ގެ މެގަޒިންއަކަށް ފޮޓޯ ޝޫޓެއް ހެދުމުގެ އިތުރަށް ކާރު އިސްތިހާރު ކުރާ ކަލަންޑަރަކަށްވެސް ފޮޓޯ ނަގާފައެވެ. މިދެފޮޓޯ-ޝޫޓްއިން އެކަނިވެސް "ޝުޕޭޓް"އަށް 3 މިލިއަން ޔޫރޯސް މިދިޔަ އަހަރު ލިބިފައިވެއެވެ. އެއީ ގާތްގަނޑަކަށް 50 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި މަޝްހޫރު މޮޑެލް ކާރާ ޑެލިވިނީއަށްވެސް ލިބިފައިވަނީ މިބުޅަލަށްވުރެ ކުޑަތަންކޮޅެއް އިތުރު އާމްދަނީއެކެވެ. އެއީ 4.3 މިލިއަން ޔޫރޯސް އެވެ. އޭނާއަށް މިއާމްދަނީ ލިބިފައިވަނީ "ވިކްޓޯރިޔާސް ސީކްރެޓް" އަދި "ބަރބަރީ" އަދި "ޝެނެލް"ފަދަ ނަން މަޝްހޫރު އެތައް ކުންފުނިތަކުގެ ކެންޕެއިންތަކުގައި ބައިވެރިވެގެންކަން ވެސް ފާހަގަކޮށްލެވެއެވެ.
މި ބުޅަލުގެ ވެރިފަރާތް، ލެގަރފީލްޑް މިބުޅާ އިތުރަށް ސިފަކުރަމުން ބުނީ "ޝުޕޭޓް އިންސާނެއް ކަހަލަ، ނަމަވެސް ރަނގަޅު ތަންކޮޅަކީ އޭނަ އަޑުމަޑުވާނެ. އެއްވެސް ކަމަކާމެދު ޝުޕޭޓްއާއި މަޝްވަރާ ކުރާކަށް ނުޖެހޭނެ. އޭނަ އެހެން ޖަނަވާރުންދެކެ ވަރަށް ރުޅިއަންނާނެ އަދި ކުޑަކުދިންދެކެ ވެސް ޝުޕޭޓް ވަރަށް ރުޅިއާދޭ." މިހެންނެވެ.
ލެގަރފީލްޑް ޝުޕޭޓްގެ ވެރިފަރާތަށް ވީ ގޮތްވެސް އޭނާ ކިޔައިދިނެވެ.
"ޝުޕޭޓް އަކީ އަސްލު އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރި އެއްގެ ބުޅަލެއް. އޭނަ ދެހަފްތާއަށް ރަށުންބޭރަށް ދަމުން އަހަރެންގެ މެއިޑްއަށް ޝުޕޭޓް ބަލާލަ ދެވިދާނެތޯ ބުނުމުން އަހަރެން ޝުޕޭޓްއާ ހަވާލުވީ. އޭނަ އައުމަށްފަހު އެހެން ބުޅަލެއް ލިބުމުން ދެން ށުޕޭޓް ބޭނުން ނުވާ ވާހަކަ ބުނީ. ދެން އޭގެ ފަހުން ޝުޕޭޓް މަޝްހޫރުވެ ދުނިޔޭގެ އެންމެ މުއްސަނދި ބުޅަލަށްވީ" ލެގަރފީލްޑް ކިޔައިދިނެވެ.
ލެގަރފީލްޑް އިތުރަށް ބުނީ ޝުޕޭޓް ބަލަހައްޓާ މެއިޑުން ޝުޕޭޓްއާ އެކު ކުޅެ، ބުޅަލުގެ ހުދު ކެހެރިގަނޑު ސާފުކޮށް ބަހައްޓާ ލޮލުގެ ސާފުކަން ބެހެއްޓުމަށް ލޮލަށް ފަރުވާދީ އަދި ޝުޕޭޓް ފޫހިވިޔަ ނުދީ ބަހައްޓާ ކަމަށެވެ.
ލެގަރފީލްޑް ބުނެފައިވަނީ ޝުޕޭޓްއަކީ އެނާގެ މުޅި ދުނިޔެކަމަށާއި ބުޅާ ފެންނަ ކޮންމެ މީހަކަށް އެކަން ވިސްނޭނެ ކަމަށެވެ. ހަނދާނުން ފިލުވާލަން ދަތި ސިފަތަކެއް ޝުޕޭޓްގެ ގައިގާ ހުންނަ ކަމަށެވެ. އެއީ ޝުޕޭޓް އުޅޭ ގޮތާއި، ކުޅެން އުޅޭގޮތާއި ވިސްނުންތޫނު ކަމާއި އެހެން ކަންތައްތައް ކުރާ ގޮތްތައް ކަމަށް ލެގަރފީލްޑް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ