ހޯމް މިނިސްޓަރު އުމަރު ހުންނެވީ މަގާމުގައި - ތަރުޖަމާނު

ހޯމް މިނިސްޓަރު އުމަރު ނަސީރު، މަގާމުން ވަކި ކުރަން އުޅޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
ފަހަކަށް އައިސް ހޯމް މިނިސްޓަރު މަގާމުން ވަކި ކުރަން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގައި ވާހަކަ ދައްކަމުންނެވެ.
އަދި “އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން” މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީ އާއި ގުޅިގެން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތައް ނުކުރާނަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު އިންނަވަން ޖެހޭނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ފަދައިން ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެހެންނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ހޯމް މިނިސްޓަރު މަގާމުން ވަކި ކުރައްވަން އުޅޭ ވާހަކަ ދޮގުކުރައްވާފައެވެ. "ވަގުތަށް" މައުލޫމާތުދެއްވަމުން މުއާޒް ވިދާޅުވީ "ހޯމް މިނިސްޓަރު ހުންނެވީ މަގާމުގައި" ކަމަށެވެ.
“އަނިިޔާ އާއި ދެކޮޅަށް ދިވެހިން” މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީ އާއި ގުޅިގެން ފަށާފައިވާ ހަރަކާތުގައި ހޯމް މިނިސްޓަރު ވަރަށް އަވަހަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިމްރާން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ދަޅަތަކުގައި އޭނާ ޖެހިވަޑައިގަންނަވާނެ ކަމަށް އެއްވެސް ފަރާތަކުން ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށް ހޯމް މިނިސްޓަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅު ހުުރިހާ ފަރާތްތަކަކުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމުމުން، އެކަމާ އޭނާ ދެކޮޅު ހެއްދެވުމަކީ އޭގެ ހެއްކެއް ކަމަށާއި އެ ނިންމުން ރަނގަޅުކަން ފަހުން ސާބިތުވި ކަމަށެވެ.
އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ޖޭޕީން އޭނާ ވަކިވެވަޑައިގަތީ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީއާ އެކު އެ ޕާޓީން މަސައްކަތްކުރަން ފެށުމުންނެވެ. މިއަދާއި ހަމައަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ