"ސިޔާސީ ބޭނުންތަކަށް މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވަކާލާތު ކުރަން އެއްބަސްވުން" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އާއި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހްމަދު ޝަހީދު އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމްގެ ފޮޓޯ އެއް ޑރ.ޝަހީދު ޓްވީޓް ކުރައްވައިފިއެވެ.
އެޓްވީޓްގައި ޑރ.ޝަހީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ޓެގް ކުރައްވާފައެވެ.
އދ.ގެ އިން އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕަޗްއާގެ މަގާމު ފުރުއްވާ ޑރ.ޝަހީދު އަކީ މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވަރަށް ފާޅުގައި ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަރުގެ އަދަބު ދިނުމާއި ދެކޮޅަށް ޑރ.ޝަހީދު މީގެ ކުރިން ވެސް ވަރަށް ގިނައިން ވާހަކަ ދައްކަވާފައި ވެއެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރެއްވުމާއި ދެކޮޅަށް ވަކާލާތު ކުރައްވަން މިބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އިރު ރާއްޖޭގައި މަރުގެ ޙުކުމް އިއްވާފައިވާ ބައެއް މީހުންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން ބައި ގަރުނަށް ވުރެ ގިނަ ދުވަހަށް ފަހު ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑު ވެފައެވެ.
ޑރ.ޝަހީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ދިވެހިރާއްޖެ ހާޒިރުކުރުމަށް ކެމްޕެއިނެއް ފަށައިފައިވާ ކަމަށެވެ.
ޑރ.ޝަހީދު ވިދާޅުވީ މޭ މަހު އިނގިރޭސިވިލާތުގައި އޮންނަ ކޮރަޕްޝަން ސަމިޓެއްގައި ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ހޯދުމަށްވެސް ކެމްޕެއިނެއް ފަށައިފައިވާ ކަމަށެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވަކާލާތު ކުރަން ނަޝީދު، ޖަމީލް އަދި ޝަހީދު އެއްބަސްވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ