ދަތުރުފަތުރު ތަރައްޤީ ކޮށްދެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ރައީސް އިލްތިމާސް ކުރައްވައިފި

ފަތުރުވެރިކަމުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމަށްޓަކައި، ދަތުރުފަތުރުކުރުމުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބޭނުންވާ، ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްޤީ ކޮށްދެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.
ރަައީސް ޔާމީން މިކަމަށް އިލްތިމާސް ކުރައްވާފައި ވަނީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ޔާމީންގެ ޚިޠާބުގައި ދަތުރުފަތުރުގެ ވަސީލަތްތައް ޤާއިމުކުރެވުމުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިރާދަކުރެއްވިއްޔާ މިހާރަށްވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުކަމަށް ކަނޑައަޅާފައިވާ، (ފަތުރުވެރިކަން - އެންމެނަށް ވާޞިލުވެވޭ ގޮތަށް ކުރިއެރުވުން) މި މުހިންމު ޝިޢާރަކީ، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތާ ވަރަށް ގުޅުން ހުރި ޝިޢާރެއް ކަމަށެވެ. "އެހެންކަމުން، ފަތުރުވެރިކަމުގެ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވެއެވެ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ފޯރުކޮށްދިނުމުގައި އެންމެނަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ވާހަކަދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.
"މިގޮތުން މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު 4 ރިޒޯޓެއް ހުޅުވާފައިވާއިރު އިތުރު 9 ރިޒޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، ރާއްޖޭގެ އެންމެބޮޑު އެއަރޕޯޓް ކަމުގައިވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު، މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ފަށާފައިވާއިރު، މި މަޝްރޫޢު ނިމިގެންދާނީ، އިރާދަކުރެއްވިއްޔާ އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް މި ވައިގެ ބަނދަރުން ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ގޮތެއްގައެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ފަހިކޮށްދެވެންހުރި ކަންކަން މިގެންދަނީ، ފަހިކޮށްދެމުން ކަމަށް ވިދާޅުވެ ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވަނީ ފުރުޞަތުތަކެއް ހުޅުވައިލެވިފައިކަން ރައީސް ފާހަގަ ކުރެއްވެވިއެވެ.
"މިގޮތުން މެދު ފަންތީގެ ފަތުރުވެރިކަން "އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ދިވެހިރާއްޖެއަށް ތަޢާރުފުކޮށް ހިންގުމަށްޓަކައި، "މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިއަހަރުގެ އޮގަސްޓުމަހު އުފައްދާފައިވާކަން މި ފުރުޞަތުގައި އުފަލާއެކު ފާހަގަކުރަމެވެ. އަދި މީގެ އިތުރުންވެސް ތަފާތު ގިނަ މަޝްރޫޢުތަކެއް މުސްތަޤްބަލުގައި ތަޢާރުފުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހައި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވައިގެންނެވެ. އަދި ޤައުމު ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ