ސްކޫލް ބަންދާ ދިމާކޮށް ދަތުރުވެރިން ޕާސްޕޯޓުގެ މުއްދަތަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން އިލްތިމާސް ކޮށްފި

ސްކޫލް ބަންދާ ދިމާކޮށް ގިނަ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރަމުން ދާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޭފުޅުން ޕާސްޕޯޓުގެ މުއްދަތަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، މިދުވަސް ވަރަކީ ޗުއްޓީ ދުވަސްވަރަކަށް ވެފައި ބައެއް ފަރާތްތަކުން ފުރަންދާއިރު ޕާސްޕޯޓް މުއްދަތު ހަމަވުމުގެ މައްސަލަ ފާހަގަކުރެވެއެވެ.
އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތުގައި އެންމެ މަދުވެގެން 6 މަސްދުވަސް އޮންނަންޖެހޭ ކަމަށާއި، ނަމަވެސް ގިނަ ފަރާތްތަކަށް ފާސްޕޯޓުގެ މުއްދަތު ހަމަވާކަން އެނގެނީ ފުރަން އެއަރޕޯޓަށް ދާފަހުންކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ޕާސްޕޯޓް އާކުރުމަށް ފަސޭހަ ގޮތްތަކެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައި ވާއިރު އުމުރުން ދުވަސްމީހުންނަށް ގޭގައި ތިބެގެން ޕާސްޕޯޓް ހެއްދޭނެ އިންތިޒާމްވެސް ދާދި ފަހުން ވަނީ ހަމަޖައްސާފައެވެ.
އަދި އެމަޖެންސީގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމްވެސް މިހާރު އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.
އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި،ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް އެކަން ހަނދާން ކޮށްދިނުމުގެ ގޮތުން ކުރިއަށްއޮތްތަނުގައި އެ އިދާރާއިން އެފަދަ މީހުންނަށް އެސްއެމްއެސް ގެ ޒަރިއްޔާއިންވެސް ހަނދާކޮށްދެމުންދާނެއެވެ.
އެހެންކަމުން ބޭރަށް ދަތުރުފުޅުކުރަށްވާ އެންމެހާ ބޭފުޅުން، ޕާސްޕޯޓުގެ މުއްދަތު ބެލުމަށްފަހު ނޫނީ ރާއްޖެއިން ބޭރަށް ދަތުރުނުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރަށްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ