ކައިވެނިކުރަން ބޭނުންވުމުން އެކަން ހާމަކުރަން އަންހެނަކަށްވީތީ ލަދުގަތުމެއް ނެތެވެ! އެންމެ މަތިވެރި ކައިވެނިފުޅު ކުރެވުނީ އަންހެނެއްގެ ހުށަހެޅުމަކަށެވެ!

ޒަވާޖީ ޙަޔާތެއް ފަށާ ހިސާބަށް ތިމާގެ ކަންކަން ދިއުމުން އެކަކުވެސް، އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނަން ލަދުގަތުމެއް ނެތެވެ. ލަދުގަންނަންވީ ލޯބިވެގެން ކައިވެނިނުކޮށް އުޅެން ބޭނުންވާ ކަމަށް ބުނުމަށެވެ. 
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކައިވެނިކުރަން އިސްނަގާ އަންހެނުންވެސް މަދެއް ނޫނެވެ. އެމީހުން ބޭނުންވާ ޒާތުގެ ފިރިހެނަކާއި ބައްދަލުވުމުން ކައިވެނިކުރަން ބޭނުންވާ ކަމަށް އެއްވެސް ޖެހިލުމެއް ނެތި އެބަ ބުނެއެވެ. ޘަޤާފަތެއްގެ ގޮތުން އެކަން ބަލައިގަތުން އުނދަގޫވެދާނެއެވެ. ނަމަވެސް މިއަދުގެ ދިރިއުޅުމަށް ބަލައިފިނަމަ އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. 
މުހިންމު ކަމަކީ ފިރިހެނަކު ނަމަވެސް އަދި އަނހެނަކު ނަމަވެސް ކކައިވެނިކުރަން ނިންމާއިރު އޭނާއަކީ އިސްލާމް ދީނުގައި އޮތް ޝަރުޠުތައް ފުރިހަމަ މީހަކުކަން ބަލައި ކަށަވަރުކުރުމެވެ. 
ވަޒީފާއެއެް ބޭނުންވެގެން ހުރިނަމަވެސް އެކަން ހުށަނާޅައި ހުންނަ މީހަކަށް ވަޒީފާއެއް ލިބުމަކީ ކުރަން އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. މިބުނަނީ ވަޒީފާއަށް އެދި ތަންތަނަށް ލިޔުންތައް ނުފޮނުވައި މަޑުން ހުންނަ މީހަކަށް ވަޒީފާއެއް ލިބުން ފަސޭހަނުވާނެ ވާހަކައެވެ. ކައިވެނީގައިވެސް އޮތީ ހަމައެގޮތެވެ. ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ލިބުން ވަނީ އެކަމަށް އެދި މަސައްކަތްކުރުމުންނެވެ. 
ކައިވެނިކުރަން ބޭނުންވުމުން ތިމާއަކީ އަންހެނަކަށްވީތީ އެކަން ހުށަނާޅަންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކުރެވުނު އެންމެ މަތިވެރިކަން ބޮޑު ކައިވެނިފުޅު ކުރެވިފައިވަނީވެސް އަނހެން ކަނބަލެއްގެ އިސްނެންގެވުމަށެވެ. މިބުނަނީ ރަސޫލް ގެ ކައިވެނިފުޅަށް އެދިވަޑައިގެން އިސްނެންގެވީ ޚަދީޖަތުގެފާނު ވާހަކައެވެ. ވީމާ ތިމާއަކީ އަންހެނަކަށްވީތީ ކައިވެންޏަށް އެދި ހުށަހަޅަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ 
ވިސްނައިލަން އޮތް ކަމަކީ ޚަދީޖަތުގެފާނު ހުށަހެޅުއްވެވީ ކައިވެނިފުޅު ކުރައްވަވަން ކަމެވެ. ކައިވެނީގެ ބޭރުން އެއްވެސް އެފަދަ އެއްވެސް ގުޅުމެއް ބާއްވަވަން ނޫންކަމެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ އެފަދައިން ޢަމަލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ