ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި އިދިކޮޅުން ރައީސާ ބައްދަލުކޮށްފި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުން އެދި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޕީޕީއެމް-ޕީއެންސީގެ ބޭފުޅުންނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވީ އެ ބޭފުޅުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސަށް ދެންނެވީ، އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ދެ ކަމެއް ކޮށްދެއްވުމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވީހާ އަވަހަކަށް ގެއަށް ބަދަލުކޮށްދިނުމަށާއި އެމަނިކުފާނަށް އިންސާފު ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ.
"އަޅުގަނޑުމެން ހަަމައެކަނި ދެއްކި ވާހަކައަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އިދިކޮޅު ލީޑަރު ޖަލުގައި ބޭއްވުމަކީ. އެހެންވީމާ އަޅުގަނޑުމެން އެދެމޭ ވަަރަށް ބޮޑަށް، އަޅުގަނޑުމެންގެ ދެ ޕާޓީގެ އެދުމަކީ ރައީސް ޔާމީން ވީހާ އަވަހަކަށް ގެއަށް ބަދަލުކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެ ވާހަކަ ރައީސަށް ދެންނެވުމުން ދެެއްވީ ކޮން ޖަވާބެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަަމަށެވެ. މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވެން އޮތް ވަރަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން އުއްމީދުކުރަނީ އަޅުގަނޑުމެންގެ މިއަދުގެ ބައްދަލުވުމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގައި ވެސް މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ