ކޮވިޑަށް ހޭލުންތެރިކުރަން ސިއްހީ ދާއިރާގެ ހިދުމަތްތެރިން ކެމްޕޭނެއް ފަށަނީ
ކޮވިޑް19 އާއި ދެކޮޅަށް ކުރާ ހަަނގުރާމާގއި މެޑިކަލް ޕްރޮފެޝަނަލުން ތިބީ ރައްޔިތުންނާއެކު ކަން އަންގައިދީ ބައްޔާމެދު ހޭލުންތެރި ކުރުމަށް މާސް ކެމްޕެއިނެއް ފަށަން ތައްޔާރުވެއްޖެ އެވެ. މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އާއި ނާސިން އެސޯސިއޭޝަން އަދި ޕްރޮޕެޝަނަލް އެސޯސިއޭޝަން އޮފް ލެބޯޓްރީ ސައިންސަސް ގުޅިގެން "އެވެއާނެސް އެގެއިންސްޓް ކޮވިޑް" ގެ ނަމުގައި މާސް މޫމަންޓެއް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 27 އިން 29 ގެ ނިޔަލަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސިއްހީ ދާއިރާ ގައި މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވެގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މާދަމާ ބްލެކް ރިބަން ހަރަކާތެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކަޅު ރިބަންކޮޅެއް އައްސައިގެން، ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމާފައި އެންމެން އެކުގައި ތިބިކަން ރަމްޒުކޮށްދޭނެއެވެ. "ކަޅު ކުލަ މި އިހުތިޔާރު ކުރީ މިއީ ކަޅު، ހިތަމަވެރި ކަމަކަށް ވާތީ. މާޗު 27 އަކީ އެންމެ ފުރަތަމަ ދިވެއްސަކު ރާއްޖެއިން ކޮވިޑާސް ޕޮޒިޓިވްވި ދުވަސް. އެކަމާވެސް ގުޅުވާފައި، މާޗު 27 ގައި މި ހަރަކާތް މި ފަށަނީ،" މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ޑރ. މުފްލިހާ ވިދާޅުވި އެވެ. މީގެ އިތުރުން ފޭސްބުކް ފްރޭމް ހަރަކާތެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް ރަމްޒުކޮށްދޭ ފްރޭމެއް ފޭސްބުކް ޕްރޮފައިލްގައި ހިމަނާނެއެވެ. މި ހަރަކާތުގައިވެސް ރާއްޖޭގައި އެކި ކަންކޮޅުތަކުން ހެލްތު ކެއާ ޕްރޮފެޝަނަލުން އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެޑްމިން ސްޓާފުންވެސް ބައިވެރިވާނެ އެވެ. މި ހަރަކާތުގެ ތެރޭ ހިމަނައިގެން ބައްޔާމެދު ހޭލުންތެރި ކުރުވުމަށް އަދި ބައްޔާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުދިކުދި އެވެއާނެސް ވީޑިއޯތައް މި ތިންދުވަހު އާންމު ކުރާނެއެވެ. "ރާއްޖޭގެ އެކިސަރަހައްދަކުން ހެލްތު ކެއާ ވޯކަރުން ދެއްވަން ބޭނުންވާ މެސެޖުތައް މި ވީޑިއޯތަކުން ފެނިގެންދާނެ. ސޯޝަލް މީޑިއާ އާއި އެކި ޗެނަލް ތަކުންވެސް ވީޑިއޯތައް އަޅުގަނޑުމެން ހިއްސާ ކުރާނަން،" ޑރ. މުފްލިހާ ވިދާޅުވިއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭހެއް ފެނުނީ މާޗު ހަތެއް 2020 ވަނަދުވަހު އެވެ. އޭގެ ފަހުން އިއްޔެ އާއި ހަމައަށް 23،091 މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލީގައި 66 މީހަކު މަރުވެފައިވާއިރު ބަލި ޖެހި، ރަނގަޅުވީ 20،439 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ