އެޗްޕީއޭގެ ފިޔަވަޅުތަކާ އެކު ތިންވަނަ ޑިވިޝަން މުބާރާތް ހުއްޓުމަކަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. އެޗްޕީއޭ އިން ކުޅިވަރު މުބާރާތްތައް މި ވަގުތު ނުބާއްވަން އެންގީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް މި ދުވަސްވަރު ރެކޯޑް އަދަދަކަށް އިތުރުވަމުންދާތީ އެވެ. އެއާ އެކު އެޗްޕީއެއިން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށް ރޭ ވަނީ ކުޅިވަރު މުބާރާތްތައް ވެސް ކުރިއަށް ނުގެންދެވޭނެކަމަށް އަންގައިފަ އެވެ. މީގެ ކުރިން ވެސް ތިންފަހަރެއްގެ މަތިން އެ މުބާރާތް މެދުކަނޑާލަން ޖެހުނު އިރު، އެކަމަކުގެ ސަބަބުން ކުލަބުތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. މުބާރާތަށް ބޭރުގެ ގިނަ ކުޅުންތެރިންތަކެއް ވެސް ގުޅިފައިވާ އިރު، މި ފަހަރުގެ ތިންވަނަ ޑިވިޝަން ކުރިއަށްދަނީ 14 ޓީމަކާއެކުއެވެ. އަދި މިހާތަނަށް މި މުބާރާތުގައި ވަނީ 12 މެޗު ކުޅެފައެވެ. ތިންވަނަ ޑިވިޝަން މުބާރާތުގެ ތެރެއިން ލޮރެންޒޯއާއި ބެންޗް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް ފުރަތަމަ މިދިޔަ ފެބްރުއަރީ މަހަށް މުބާރާތް ފުރަތަމަ ޝެޑިއުލް ކުރި ނަމަވެސް، ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ އެޗްޕީއޭގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް އެފަހަރު ވަނީ ހުއްޓާލައިފައެވެ. އަދި އެފަހަރު ފުރަތަމަ ޑިވިޝަންވެސް މެދުކަނޑާލަން ޖެހުނު އިރު ފުޓުބޯޅައިގެ ހަރަކާތްތައް އަލުން ފެށީ ހާއްސަ ހުއްދައަކާ އެކު ވަކި ގައިޑްލައިންތަކަކަށް އަމަލު ކުރުމަށް ޝަރުތުކޮށްގެންނެވެ. ކޮވިޑްގެ ސަބަބުން މިދިޔަ ސީޒަނުގެ ތިންވަނަ ޑިވިޝަން މުބާރާތް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެފްއޭއެމުން މީގެ ކުރިން ބުނީ ތިން ވަނަ ޑިވިޝަން ނިމުމުން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ