ފާރިސް ވެރިކަމަށް ގެނައުމަށް މައުމޫން ކުޅުއްވާ މާސްޓާ ޕްލޭން 1

ދިވެހި ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެކެވެ. އެއްވެސް މީހަކު އިސްތިސްނާވުމެއްނެތެވެ. ގާނޫނުތަކަށްވުރެ އެކަކު ވެސް ބޮޑެއްނުވާނެ އެވެ. ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާކުރަން ކަމަށްބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން ފިއްލެވުމުން އެމަނިކުފާނު އަނބުރާ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހެ އެވެ. އެކަން މަސައްކަތް ފެށުމުން އެއީ ވަކި މީހަކަށް ގޯނާ ކުރުން ކަމަށް ދެކި، އެމަސައްކަތަށް ހަޖޫޖަހައި ހުރަސް އެޅުމަކީ ތަހުޒީބު އަމަލެއްނޫނެވެ.
ރާއްޖޭގައި މިއަދު ހިނގަމުންދާ ކަންކަމަށް ވިސްނާ ވަޑައިގަންނަވާށެވެ. ނަޝީދު ފިއްލެވީ އެވެ. މަޖިލީހަށް ޖަވާބުދާރިވެވަޑައިނުގަތުމަށް ނިންމައި ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ކުރީގެ ނާއިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ފިއްލެވީ އެވެ. މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވެސް ކަންތައްތައް ކުރެއްވީ ހަމަ ބީދައިންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ވެސް ރާއްޖެ ދޫކޮށް އަމިއްލަ އަށް އަރުވާލެވިގަތެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާނެވެ.
މީގެ ތެރެއިން ސޮފްވާން ފިޔަވައި ކުރިން ދެންނެވި ބޭބޭފުޅުން ފިއްލެވީ ކުށުން ބަރީއަވެގަތުމަށެވެ. އެކަމަކު ސޮފްވާން ފިއްލެވި ސަބަބެއް އަދި އާއްމުންނަށް އެނގިފައިނުވެ އެވެ. އެކަމަކު ފުލުހުން އޭނާ ހޯދަން އިންޓަޕޯލްގެ އެހީތެރިކަމަށް އެދުނީ ބަލަމުންދާ މައްސަލައަކާ ހެދި އެވެ. ޔަގީނާ ގާތަށް ކަށަވަރުވާ ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހް މުހައްމަދު މަގާމުން ދުރުކުރަން ރޭވި ރޭވުންތަކުގެ ތެރެއިން ކަމެކެވެ.
މަސީހް މަގާމުން ދުރުކުރުމަށް އެންމެ ބާރުލައްވާފައި ވިދާޅުވަނީ ކުރީގެ ދެ ރައީސުންނެވެ. ނަޝީދާއި މައުމޫން އަބުދުލްގައްޔޫމެވެ. މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިކަމުގައި އެންމެ ގަދަފައި ވިއްދާފައި ހުންނެވީ ފުލުހުންގެ ތަހުގީގަށް މިހާރު ބަންދުކޮށްފައިވާ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ފާރިސް ވަނީ މަސީހް މަގާމުން ދުރުކޮށް ގާސިމް އިބްރާހީމަށް މަޖިލީހުގެ ރައީސްކަން ހޯދައިދީ ގާނޫނީ ސަރުކާރު ބަދަލު ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވާފަ އެވެ. މިއަށް ބަގާވާތް ކުރުން ނޫން ވަކިކޮންކަމެއްތޯ އެވެ؟ މިކަމުގެ ސާބިތު ހެކި ހުރިކަމަށް ފުލުހުން ތަކުރާރުކޮށް ބުނަމުންދާއިރު ފާރިސް މިކަމަށް އިންކާރުކުރައްވަ އެވެ. އެހެންވިއްޔާ މައުމޫނާއި އެކަމަނިކުފާނުގެ ދަރިކަލުންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސޮފްވާން ފުލުހުންނަށް އިޖާބަ ނުދެއްވައި އެހުންނެވީ ކީއްވެ ހެއްްޔެވެ؟ އެއްވެސް ނޭއްގާނީ ކަމެއް ނުހިންގާކަމަށް ފާރިސް ބުނަމުންދިޔަ ނަމަވެސް ސޮފްވާންގެ އަމަލުތައް ހެކިދެމުން އެހެރަދަނީ ފާރިސް ދޮގުހަދަމުންދާ ކަމަށެވެ.
މައުމޫނަކީ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ތަނަވަސް ސިކުޑިއެކެވެ. ހާރިޖީ ގުޅުންތައް ވެސް ވަރުގަދަ އަދި ވަރަށް ހީލަތްތެރި ބޭފުޅެކެވެ. އެންމެނަށް އެއްހަމައަކުން ރޫލްއޮފްލޯ ނުވަތަ ގާނޫނު ހިނގަންވާނެ ކަމަށް ވިދާޅުވާން ފެއްޓެވީ އާރާއި ބާރު ނެތިގޮސް، އުމުރުފުޅުން 80 އަހަރަށްވުރެ މަތިވުމުންނެވެ. މިއަދު މައުމޫން އަޑުހަރުކޮށް އެހެން ވިދާޅުވާއިރު އެމަނިކުފާނުގެ މިހާ އަރިސް ބޭފުޅަކު ފުލުހުންނަށް އެއްބާރުލުން ނުދެއްވާތީވެ އުފެދޭ ސުވާލުތައް އަމިއްލަ ނަފްސާކޮށްލުން ކީއްތޯ އެވެ؟
މައުމޫން ފަދަ ސިޔާސީ ބޭބޭފުޅުން ގިނަ ފަހަރު ނޭއްގާނީ ކަންތައްތައް ކުރައްވަނީ ސީދާ ތިމާ އެކަމުގައި ޝާމިލުވެގެނެއްނޫނެވެ. އަރިސް ބޭފުޅުން ލައްވަ އެވެ. މިމޭރުމުން ވިސްނާލާއިރު ސޮފްވާން ފަދަ މީހަކަށް ބައިނަލް އަގްވާމީ އިދާރާތަކަށް ވެސް ފިލައިގެން އަރާމުގައި ރާއްޖޭން ބޭރުގައި އުޅުއްވޭނީ ކޮންމެ ވެސް މީހެއްގެ މަދަދާއެކުގައިކަން ޔަގީނެވެ. އާރާއި ބާރު އަދި ފައިސާގެ ގޮތުން ވެސް ތަނަވަސް އަތްތަކެއްގެ އެހީއާއި ނުލައި ސޮފްވާން ފަދަ އާދައިގެ އިންސާނަކަށް އެއްވެސް ހާސްކަމެއްނެތި ދުނިޔޭގެ އޮޔާއިވަޔަށް ނޭވާލެވުމަކީ މިއަދު މުސްތަހީލުކަމެކެވެ. އަނެއްކޮޅުން ސޮފްވާންވީތަން މަައުމޫނަށް އެނގިވަޑަނުގަންވަނާކަމަށް އެކަމަނިކުފާނު ވިދާޅުވާނަމަ އެއީ ގުދޯގުދޯ ގޮވުން ނޫން ވަކިކޮންކަމެއްތޯ އެވެ؟
ބޭރުދުނިޔޭގައި ރާއްޖޭގެ އަގުވަައްޓާލައި، މަގުމަތި ހަލަބޮލިކޮށް، ސަރުކާރު ވައްޓާލައި ބަގާވާތް ކުރަން މީގެ ކުރިން ވެސް އުޅުނީ ކޮންބަޔަކުކަން ދިވެހި ތާރީހު ދަނެ އެވެ. މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައި ހިނގައްޖެނަމަ ވިދާޅުވެ އެކަމާ ދެކޮޅަށް މަގުތަކަށް ނުކުތީ ނަޝީދެވެ. އެއަށްފަހު އެމްޑީޕީގެ ވެރިކަން ވައްޓާލަން ނަޝީދު އެވިދާޅުވާ ބަގާވާތް ކުރީ މައުމޫންގެ ވެސް މަދަދާއެކު ގާސިމް އިބްރާހީމާއި އަދާލަތާއި މިހާރު ޖަލުގައި ތިއްބެވި ބައެއް ބޭބޭފުޅުން ކަމަށް ވިދާޅުވީ ނަޝީދު އަމިއްލަފުޅަށެވެ. އޭގެ ކުރިއަށް ޖެހިލާއިރު 80ގެ ތެރޭގައި ވެރިކަން ވައްޓާލަން އުޅުނު ޓީމުގައި ގާސިމް ހިމެނުނެވެ. 90ގެ ތެރޭގައި އެކަން ކުރަން ތެޔޮހާނައި ހެދުމަށް ހުރިހާ ރޭވުމެއްރޭވީ ސީދާ އެންދެރިމާގެއިންނެވެ.
ވެރިކަމުގެ މަސްތުގައި ހުންނެވި ގާސިމްގެ ބޭނުމަކީ އޭނާ އަށް ބާރާއި ވިޔަފާރީގެ ފުރުސަތު ފަހިވުމެވެ. މައުމޫނާއި ނަޝީދުގެ އަބަދުމެ ހުވަފެނަކީ ވެރިކަމުގެ ޝާނާއި ޝައުކަތަށެވެ. މިއަދު އެމްޑީޕީން ތިޔައީ ޒައީމޭ ގޮވަމުން އަތްޖަހަމުންދާއިރު ޖުމުހޫރީ ޕޯޑިއަމުގައި ފާރިސް ވަރުގެ ސިޔާސީ ލީޑަރެއްނެތް ކަމަށް މައުމޫން އެވިދާޅުވަނީ ހިކުމަތްތެރިކަމާއެކުގަ އެވެ. މުށުންދޫވި ވެރިކަން އަލުން ޖަހައިގަތުމަށެވެ. 2018ގެ ރިއާސީ ރޭހަށް ނަޝީދަށްވުރެ ގާބިލް، އަދި ވިއްކާލެވޭނެ ޕްރޮޑަކްޓަކަށް ފާރިސް ހެއްދެވުމަށެވެ. މަހުލޫފާއި އެނޫން ވެސް ޕާލަމެންޓް މެމްބަރުންނާއި ކާނަލް މުހައްމަދު ނާޒިމް ފަދަ ބޭބޭފުޅުން ޖަލުގެ ތޭރިތަކާނިވާވަމުންދިޔައިރު މައުމޫން ހުންނެވީ ހިމޭނުންނެވެ. އެކަމަކު ފާރިސް ހައްޔަރުކުރުމަކީ ސިޔާސީ ލީޑަރަކު ހައްޔަރުކުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ކީރިތި ކުރައްވަމުން މުސްކުޅި އުމުރުފުޅުގައި މައުމޫން މަގުމައްޗަށް ނުކުމެވަޑައިގަތީ އެމްޑީޕީ ނިވަލުގައި ފާރިސް އަށް ވެރިކަން ހޯދައިދިނުމުގެ ވަރުގަދަ މާސްޓަ ޕްލޭނަކާއެކުގަ އެވެ. އެކަމަކު ރިޝްވަތާއި ފަސާދަ އިސްކޮށް ކުށްތަކަށް އަރައިގަތުމާއި ކުށް ކުރަން މަގުފަހި ކުރުމަކީ ވެސް އައިރުގާނޫނީ އަމަލެެއްކަން މަނިކުފާނު ހަނދުމަނެތިކޮށްނުލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ